"ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025" ގެ ދަށުން 15 ޒުވާނަކަށް ޕީއެސްއެމްގައި މަސައްކަތްކުރުމުގެ ފުރުޞަތު ދީފިއެވެ. މި ޕްރޮގްރާމަކީ މީޑިއާ ދާއިރާއަށް ޝައުގުވެރި ޒުވާނުންނަށް އަމާޒުކޮށްގެން ޕީއެސްއެމްއިން ހިންގާ ޕްރޮގްރާމެކެވެ.
"ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025" އަށް ހޮވުނު ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީނެވެ.
"ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025"ގެ މައިގަނޑު މަޤްޞަދަކީ މީޑިއާ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަމްރީންކޮށް އުފެއްދުމެވެ. މި ޕްރޮގްރާމްގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ބައިވެރިންނަށް ޚަބަރާއި ޕްރޮގްރާމް އުފެއްދުމުގެ ހުނަރު ދަސްވެ ޕްރޮފެޝަނަލް ޕޯޓްފޯލިއޯއެއް އެކުލަވާލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ޕީއެސްއެމްގެ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދައި ވަޒީފާގެ ދާއިރާއަށް ނުކުތުމަށް މަގުފަހިވާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ، މި ޕްރޮގްރާމުގެ ބޭނުމަކީ ޕީއެސްއެމްގެ މަސައްކަތުގެ މާހައުލު ދަސްވެގެން މިތަނުގައި މަސައްކަތްކުރާގޮތް އެނގިގެން މި މަސައްކަތު މާހައުލަށް ކުދިން ނެގުންކަމަށެވެ. މި ފެލޯޝިޕް ނިންމާލާއިރު ބައިވެރިން ވާންވާނީ މި ދާއިރާއަށް ތައްޔާރުވެފައި ތިބި ހުނަރާއި ގާބިލްކަން ތިބި ކުދިންތަކަކަށްކަމަށް ނަސްރީން ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނާއިއެކު ބައިވެރިވާ 15 ވަރަކަށް ކުދިން އުންމީދަކީ މުސްތަޤްބަލުގައި ވެގެންދާނީ ޕީއެސްއެމްގެ ސްޓޫޑިއޯތަކުގައާއި ޕީއެސްއެމްގެ ޗެނަލްތަކުގައާއި އަދި ޕީއެސްއެމްގެ އެކި ޕްރޮގްރާމްތަކުގައާއި އެކި ޕްރޮޑަކްޝަންސްތަކުގައި މަސައްކަތްކުރާ އެންމެ ފުންނާބު އުސް އެންމެ މަތީގައި ތިއްބަވާނެ ކުދިންކަމުގައި އުންމީދުކުރަން. އަޅުގަނޑުމެން ދޭންބޭނުންވާ ޔަޤީންކަމަކީ ކުދިންނަށް ބޭނުންވާ ހުރިހައި އެއްބާރުލުމަކާއި ހުރިހައި ކަމެއް ޕީއެސްއެމްއިން ފެސިލިޓޭޓްކޮށްދެއްވާނެ. އެދުމަކީ މި ފުރުސަތު ހުރިހައި ކުދިންވެސް ވަރަށް ފުރުހަމައަށް ބޭނުންކުރުން." ނަސްރީން ވިދާޅުވިއެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޔާމީން ވިދާޅުވީ، މީޑިއާގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު ކޮމިޓްމަންޓެއްކަމަށެވެ. އެހެންނަމަވެސް އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިއްޖިއްޔާ ވަރަށް ފަސޭހަކަމާއެކު މީޑިއާގައި މަސައްކަތްކުރެވޭނެކަމަށެވެ. ޕީއެސްއެމްއިން މި ފެލޯޝިޕް ތަރުތީބުކޮށްފައި އޮތީ ބައިވެރިންނަށް އިލްމާއި ތަޖުރިބާ ލިބޭގޮތަށްކަމަށް ޔާމީން ވިދާޅުވިއެވެ.
"މި ފުރުސަތުގެ ބޭނުން ތިބޭފުޅުން އެންމެ ފުރިހަމައަށް އަދާކޮށްގެން މުޖްތަމައުއަށް ޚިދުމަތްތަކެއް ކުރުން އެއީ އަޅުގަނޑުމެންގެ އުންމީދަކީ. ޕީޢެސްއެމްގައި މަސައްކަތްކުރުމުގެ ފުރުސަތު ފެލޯޝިޕްގެ ތެރެއިން ލިބުމަކީވެސް ވަރަށް ފަހުރުވެރިކަމެއް. ދިވެހިރާއްޖޭގެ ގައުމީ މީޑިއާއަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރައްޔިތުން އެޑިއުކޭޓްކުރުމަށް ވަރަށް ބުރަ މަސައްކަތްކުރާ މުވައްޒަފުންތަކެއް އުޅޭ ތަނެއް." ޔާމީން ވިދާޅުވިއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން ކުންފުނިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ އެންމެ ރަނގަޅު ފަރާތްތަކަށް ޕީއެސްއެމްގެ ދާއިމީ ވަޒީފާގެ ފުރުޞަތު ލިބޭނެއެވެ. ޕްރޮގްރާމަށް ހޮވުނު ބައިވެރިން ފާހަގަކުރާ ގޮތުގައި މި ފުރުސަތަކީ ވަރަށް ބޮޑަށް އެކުދިން ބޭނުންވެފައި ތިބި ފުރުސަތެއްކަން ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮގްރާމްގެ ބައިވެރިން މަސައްކަތްކުރަން ޖެހެނީ ޕީއެސްއެމްގެ ޓީވީ ޕްރޮޑަކްޝަނާއި ނިއުސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓުމަންޓުގައެވެ. މި ޕްރޮގްރާމްގެ ދަށުން ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރަންޖެއެވެ. އަދި އުޖޫރައެއްގެ ގޮތުގައި 5000 ރުފިޔާ ކަނޑައަޅާފައިވާއިރު ފެލޯޝިޕް އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.