ޚަބަރު

މޮންގޯލިއާ އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެއްޖެ


  • ރާއްޖެ ބަލިވީ މޮންގޯލިއާ އަތުން 1-0 ގެ ނަތީޖާއަކުން

  • ގްރޫޕް އެފްގެ މެޗުތައް ކުރިއަށްދަނީ ތައިލެންޑުގެ ޗޮންބުރީގައި

17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުން މޮންގޯލިއާ އަތުން ބަލިވެއްޖެއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އެފްގެ މެޗުތައް ކުރިއަށްދަނީ މި މަހުގެ 30 ގެ ނިޔަލަށް ތައިލެންޑުގެ ޗޮންބުރީގައެވެ. ޗޮންބުރި ސްޓޭޑިއަމުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ މޮންގޯލިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މޮންގޯލިއާއަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ޑީޑީއެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫފް އެފްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ކޮލިފައިން ބާއްވާ ގައުމު ކަމަށްވާ ތައިލެންޑާއި، ކުވައިތު އަދި ތުރުކުމެނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ. ކޮލިފައިންގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ކުވެއިތު ވަނީ ތުރުކުމެނިސްތާން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ކޮލިފައިންގައި ރާއްޖެއިން ދެން ކުޅޭ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ. އެއަށްފަހު އޭގެ ދެ ދުވަސް ފަހުން ކޮލިފައިން ކުރިއަށްދާ ގައުމު ކަމަށްވާ ތައިލޭންޑާ ދެކޮޅަށް ކުޅޭއިރު، ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަަނަ ދުވަހެވެ. މި ފަހަރުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކޯޗަކީ ސޮބާހު މުޙައްމަދެވެ.