ޚަބަރު

ފުރަތަމަ ފަހަރަށް ގައުމީ ފުޓްސަލް ޓީމަށް ބޭރުގެ ކޯޗެއް ގެންނަން ނިންމައިފި


  • ފާރޫކް ގައުމީ ޓީމާ ހަވާލުވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް

  • ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުންނަށްވެސް ފާރޫކް އެހީތެރިކަން ފޯރުކޮށްދޭނެ

ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސައިފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފައިވާ ގޮތުގައި ފުޓްސަލް ޓީމުގެ ކޯޗަކަށް ގެންނާނީ ފާރޫކް ޒަކިރޯވްއެވެ.

ރާއްޖޭގެ ގައުމީ ޓީމަށް އުޒްބެކިސްތާނުގެ ކޯޗެއް ހަމަޖެއްސީ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން ބާއްވާ "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026" އަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުން ފާރޫކް ގައުމީ ޓީމާ ހަވާލުވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.

އޭނާ މި ވަގުތު ހުރީ އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުގެ މަގާމުގައެވެ. މި އަހަރު ޗައިނާގައި އޮތް އޭޝިއަން ވިމެންސް ފުޓްސަލް ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދިނީވެސް ފާރޫކެވެ. އޭގެ އިތުރުން އެ ގައުމުގެ ފުޓްސަލް ލީގުގައި ވާދަކުރާ ޓީމެއް ކަމަށްވާ ނެފްޗީ ފުޓްސަލް ކުލަބުގެ ކޯޗަކީވެސް ފާރޫކެވެ. އެފްއޭއެމްއިން ބުނީ ރާއްޖޭގެ ގައުމީ ޓީމާ ފާރޫކް ހަވާލުވާނީ ނެފްޗީ އާއި އެ ގައުމުގެ ފުޓްބޯލް އެސޯސިއޭޝަނާ ދެމެދު އެއްބަސްވެގެން ކަމަށެވެ.

ފާރޫކް ވަނީ އުޒްބެކިސްތާނުގެ ގައުމީ ފުޓްސަލް ޓީމަށް 2001 އިން 2008 އަށް ކުޅެފައެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމު ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗު އޮންނާނީ އޭގެ ދެ ދުވަސް ފަހުން ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނުކުންނާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ. އަދި 22 ވަނަ ދުވަހު ނޭޕާލްއާ ދެކޮޅަށް ކުޅެން ޖެހޭއިރު، އޭގެ ދެ ދުވަސް ފަހުން ރާއްޖެ ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ނުކުންނާނީ އަވައްޓެރި ސްރީ ލަންކާއާ ދެކޮޅަށެވެ. ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެ މުބާރާތުގައި ރާއްޖޭގެ ފުޓްސަލް ޓީމަށް އިރުޝާދުދީފައިވަނީ އަޙްމަދު ނިޔާޒެވެ.

ސާފްއިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތައިލެންޑުގައި ކުރިއަށްދާއިރު، އަންހެން މުބާރާތުގައި ރާއްޖޭގެ ޓީމު ވާދަކުރާނެއެވެ. އެފްއޭއެމްއިން ބުނީ ގައުމީ އަންހެން ފުޓްސަލް ޓީމުވެސް މުބާރާތަށް ތައްޔާރުކުރުމުގައި ދިވެހި ކޯޗުންނަށް ފާރޫކް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިއީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ބޭރު ކޯޗެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.