ސްޕެނިޝް ލަލީގާގައި ރޭ އެލްޗީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިނުފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި އެލްޗީގެ އެލެކްސް ފެބާސް ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑް ސިއްސުވާލާފަ އެވެ.
އެލްޗީ އިން ލަނޑު ޖަހާފައިވަނިކޮށް މެޗުގެ 78 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޑީން ހުއިސެން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި އެލްޗީ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލްވާރޯ ރޮޑްރިގޭޒް އެވެ.
ނަމަވެސް މެޗުގެ 87 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ދިން ޕާހަކުން ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށް ރެއާލް މެޑްރިޑަށް ޕޮއިންޓެއް ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ލީގުގައި މިޙާތަނަށް ކުޅެފައިވާ 13 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ވަނީ ތާވަލުގެ އެއްވަނަ މަގާމް އަލުން ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.