ޚަބަރު

ކުނި މެނޭޖްކުރަން ހޭލުންތެރިކުރުމަށް ހިންގާ "މަގޭ ސާފު ރާއްޖެ" މަހާސިންތާ ފަށައިފި


  • ލ.ގަމުގައި ކުރިއަށްދާ މި މަހާސިންތާ އޮންނަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް

  • ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރާނެ

ކުނި މެނޭޖްކުރަން ހޭލުންތެރިކަން ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "މަގޭ ސާފު ރާއްޖެ" މަހާސިންތާ ފަށައިފިއެވެ.

"މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025"ގެ ނަމުގައި ހައްދުންމަތީ ގަމުގައި ކުރިއަށްދާ މި މަހާސިންތާ އޮންނަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަހާސިންތާގެ މައިގަނޑު މަޤުޞަދަކީ ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުން ކަމަށެވެ. އެގޮތުން ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މަހާސިންތާ ބާއްވަނީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ޚިޔާލުތަކާއި ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމުގެ މަޤުސަދުގައި ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި މި މަހާސިންތާގައި
ކުނި މެނޭޖްކުރުމާއި ތިމާވެއްޓާއި ގުޅުންހުރި ތަފާތު ސިޔާސަތުތަކާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އަދި ކުނި މެނޭޖްކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމެއްގައި މިކަން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބައިވެރިން
އަހުލުވެރިކޮށް، ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގައި ތަޖުރިބާކާރުންނާއި ނަމޫނާ ގޮތެއްގައި ކުނިމެނޭޖްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ހިއްސާކޮށް، މަޝްވަރާކޮށް ދާއިރާގައި ހަރަކާތްތެރިވާ ހިއްސާދާރުންގެ މެދުގައި ގުޅުންބަދަހިކުރެވޭނެއެވެ.

ލ. ގަމުގައި ބާއްވާ މިމަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން 200 މީހުން ބައިވެރިވެއެވެ.