ޚަބަރު

ސްޓެލްކޯއިން އަންހެނުންނަށް ހިންގި ކަރަންޓު ކޯހަކީ ހެޔޮ ބަދަލުތަކެއް ގެންނާނެ ކޯހެއް: ފަސްޓް ލޭޑީ


  • ކަރަންޓު ސާމާނު ރައްކާތެރިކަމާއެކު ދިގު މުއްދަތަކަށް ގެންގުޅުމަށް އެހީއަކަށްވާނެކަން ފާހަގަކުރެއްވި

  • މީގެ ސަބަބުން މުޖްތަމައުއަށް ހެޔޮ ބަދަލުތަކެއް އައިސް ޚަރަދު ކުޑަވާނެކަމަށްވެސް ވިދާޅުވި

ސްޓެލްކޯއިން އަންހެނުންނަށް އަމާޒުކޮށްގެން ހިންގި އިލެކްޓްރީޝަން ކޯހަކީ ހެޔޮ ބަދަލުތަކެއް މުޖުތަމައުއަށް ގެންނާނެ ކޯހެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، "ބިގިނަރސް އިލެކްޓްރިކް ކޯސް ފޯރ ވިމެން" ކޯހުގެ ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މި މަސައްކަތަކީ އާންމުކޮށް ރާއްޖޭގައި އަންހެނުން ކޮށްނޫޅޭ މަސައްކަތެއްކަމަށެވެ. ކަމާގުޅުންހުރި ފަރާތްތަކުން އާންމުކުރާ މައުލޫމާތުން އެނގޭގޮތުގައި ވަރަށް ގިނަ ފަހަރަށް ކަރަންޓް ޝޯޓޭޖެއްގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާކަމަށާއި، އަސާސީ މައުލޫމާތު ނޭންގުމުގެ ސަބަބުން ކަރަންޓުން މީހުންގެ ފުރާނައަށް ގެއްލުންވާފަދަ ހާދިސާތައް ހިނގާފައި ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޚަރަދުކުޑަކުރުމަށް ބަލާއިރު ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެނީ މިވެނި އެވެނިކަމެއް ވަކިގޮތަކަށް އަމަލުކުރެވިއްޖެނަމަ ކަރަންޓުގެ ޚަރަދުކުޑަކުރެވޭނެކަންކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން އެ ހޭލުންތެރިކަން ކޮންމެ ގެއަކަށް ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

"އަޅުގަނޑު ވާހަކަކޮޅު ފެށުމުގެ ކުރިން ވިދާޅުވިން މިއީ ވަރަށް ބޮޑު ވަރަށް ހެޔޮ ބަދަލެއްގެ ފެށުންކަމުގައި. ސަބަބަކީ މި އިލްމާއި ހުނަރު ތަމްރީން މި ލިބެނީ އަންހެނުންނަށް ކަމަށްވާތީ. ސަބަބަކީ މި އިލްމާއި ހުނަރަޢި ތަމްރީންގެ ތެރޭގައި މަންމަ އަބަދު ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ދިރިގެން އައުމަކީ ވަރަށް ގިނައިން ވާކަމެއް. މަންމަ ކަރަންޓްގެ މަސައްކަތް ކުރާތީ ކުދިން އެ މަސައްކަތައް ޝައުގުވެރިވުން. ނުވަތަ ގުޅުންހުރި އެހެން ދާއިރާއަކުންވެސް ހުނަރުވެރިއަކަށް ވުމުގެ ޝައުގު ދަރިންގެ ކިބައިގައި އުފެދުން. މީގެއިތުރަށް އެތައް އަންހެނުންނަށް މިފަދަ ބޭނުންތެރި މަސައްކަތެއް ދަސްވުމަކީ އެތައް ގޮތަކުން ހަރަދުކުޑަވެގެންދާނެކަމެއް." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އަންހެނުންނަށް މިފަދަ މަސައްކަތްތައް ދަސްވުމަކީ ތަކެތި ގަތުމުގައިވެސް ރަނގަޅު ތަކެތި ދެނެގަނެވި ގިނަ ދުވަހަށް ދެމިގެންދާނެހެން މަސައްކަތް ތަރުތީބުވެގެންދާނެކަމެއްކަމަށެވެ.

ސްޓެލްކޯއިން އަންހެނުންނަށް ޚާއްސަކޮށްގެން މި ހިންގި އިލެކްޓްރިކް މަސައްކަތާބެހޭ ފަށާ ފެންވަރުގެ ތަމްރީން ކޯހަކީ ހެޔޮ ބަދަލުތަކެއް ގޭތެރެއަށް ގެންނާނެ ކޯހެއްކަމަށާއި ހެޔޮ ބަދަލުތަކެއް މުޖުތަމައުއަށް ގެންނާނެ ކޯހެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.