ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތީ ޕޮއިންޓެއް ހޯދަން ކަމަށާއި، އެކަން ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު މަރިޔަމް މިރުފަތު ބުނެފިއެވެ.
މި މަހުގެ ދެވަނަ ދުވަހު ލީގުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުތަކާ ގުޅިގެން ޓީސީގެ ހެޑް ކޯޗު އަހުސަން ރަޝީދު ވަނީ މީގެ ކުރިން ދެ މެޗަށް ސަސްޕެންޑް ކޮށްފައެވެ. އެހެންކަމުން ގްރީން ސްޓްރީޓްސް މެޗުގައިވެސް ޓީސީއަށް އިރުޝާދުދީފައިވަނީ އެސިސްޓެންޓް ކޯޗު މިރުފަތެވެ. އާދީިއްތަ ދުވަހުގެރޭ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި މިރުފަތު ބުނީ މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތީ ޕޮއިންޓެއް ހޯދަން ކަމަށާއި، އެކަން ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ގްރީން ސްޓްރީޓްސް މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ކުޅުންތެރިންގެ ހިތްވަރު ފެނިގެންދިޔަ ކަމަށް މިރުފަތު ބުންޏެވެ. އަދި ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނައިރު، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗަށްވުރެ ވަރުގަދަކޮށް އެ މެޗަށް ނުކުންނަން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ގްރީން ސްޓްރީޓްސް އަތުން ހޯދި ޕޮއިންޓަކާއެކު ޓީސީ އޮތީ ތާވަލުގެ އަށްވަނައިގައި އަށް މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. ނުވަވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށްވެސް އަށް މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ތާވަލުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް އަށް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.