ޚަބަރު

20 ޕޮއިންޓް ހޯދުނަސް ރެލިގޭޝަނުން ސަލާމަތްވެވޭނެ: ނަޒީހު


  • ސީޒަން ފެށިއިރު ޔޫވީގެ ފުރަތަމަ ބުރުގެ އަމާޒަކީ 12 ޕޮއިންޓް ހޯދުން

  • ތާވަލުގެ ފުލުގައި ޔޫވީ އޮތީ ކުޅުނު 8 މެޗުން ލިބުނު 4 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ބަދަލުކޮށްގެން، ޖުމްލަ 20 ޕޮއިންޓް ހޯދުނަސް ރެލިގޭޝަނުން ސަލާމަތްވެވޭނެ ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި މިދިޔަ ހޯމަ ދުވަހު ޔޫވީ ވަނީ ބުރު ސްޕޯޓްސް ކުލަބު އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު ތާވަލުގެ ފުލުގައި ޔޫވީ އޮތީ ކުޅުނު 8 މެޗުން ލިބުނު 4 ޕޮއިންޓާއެކުއެވެ.

ސީޒަން ފެށިއިރު، ފުރަތަމަ ބުރުގެ އަމާޒަކަށް 12 ޕޮއިންޓް ހޯދުމަށް ކަނޑައެޅި ނަމަވެސް، އެ ޓީމަށް މި ބުރުގައި ދެން އެންމެ ގިނަވެގެންވެސް ހޯދޭނީ 7 ޕޮއިންޓެވެ. "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުނީ އެ ޓީމުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، އެގޮތުން ގިނަ ކުޅުންތެރިން އަނިޔާގައި ތިބި ކަމަށެވެ. އަދި ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ނަޒީހު ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

"ދެން މިދިޔަ 12 ދުވަސް މި ދިޔައީ 35 ކުޅުންތެރިންގެ ތެރެއިން 11 ކުޅުންތެރިން ފަރިތަކުރުންތަކަށް އައިސްގެން. އެހެންވީމާ އެއީ ވަރަށް އާދައިގެ ޓީމެއް، ފުރަތަމަ ޑިވިޝަނުގެ ޓީމެއްގައި އެ ފެންވަރުގައި މަސައްކަތްކުރުން. ނަތީޖާ ނެރެވޭނީ ކުޅުންތެރިން އައިސްގެން. ކޮންމެ މީހެއް މިތާ ކޯޗަކަށް ހުއްޓަސް އުނދަގޫވާނެ ފަރިތަނުކޮށް ކާމިޔާބު ހޯދަން. އެއީ މި ދިމާވާ މައްސަލައަކީ." ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ރަށްރަށުގައި ކުރިއަށްދާ ފުޓްސަލް މުބާރާތްތަކާއެކު އެ ޓީމަށް ދަތިތައް ކުރިމަތިވާ ކަމަށާއި، އެގޮތުން ޓީމުގައި ހިމެނޭ މުހިންމު ދެ ކުޅުންތެރިއަކަށް އަނިޔާވެފައިވާ ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ބުރުގެ ފަހު މެޗުގައި ތިން ޕޮއިންޓް ހޯދައިގެން، ރެލިގޭޝަނުން ސަލާމަތްވެވޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް ނަޒީހު ބުންޏެވެ.

"ޓީމުގެ ދެ ކުޅުންތެރިން، ސްޓްރައިކަރު މިހާރު އެ ހުރީ ރެނދެއް ލާފައި. ދެން ޒުވާން ކުޅުންތެރިޔާ ޝުހާދު އެހުރީ ކޮނޑުގައި ރެނދެއް ލާފައި ފުޓްސަލް ކުޅެގެން. މި ދެ ކުޅުންތެރިންވެސް މި އަނޔާ ވީ ފުޓްސަލް މުބާރާތްތަކުން. ދެން ޓީމެއްގައި ތިބޭ މުހިންމު ކުޅުންތެރިންގެ ތެރެއިން ތިން ހަތަރު ކުޅުންތެރިން އަނިޔާވުމުން އުނދަގޫވާނެ މިކަހަލަ ޓީމެއްގައި. އެކަމަކުވެސް ފުރަތަމަ ބުރުގެ ފަހު މެޗުގައި ތިން ޕޮއިންޓް ހޯދައިގެން، ރެލިގޭޝަނުން ސަލާމަތްވެވޭތޯ މަސައްކަތް ކުރާނެ. އެކަމަކު ކުޅުންތެރިން އައިސްގެން މިކަން ވާނީ." ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޓީމަށް ބަދަލު ގެންނާނެ ކަމަށާއި، އެގޮތުން ބިދޭސީ އައު ދެ ކުޅުންތެރިންނާއެކު، ރާއްޖޭގެ އައު ދެ ކުޅުންތެރިއަކު ޓީމަށް ނަގަން މަސައްކަތްކުރާނެ ކަމަށެވެ. އަދި ހާލަތު ބަދަލުކުރެވޭނީ ކުޅުންތެރިންގެ އެއްބާރުލުން ލިބިގެން ކަމަށާއި، ހުރިހާ ކުޅުންތެރިން ބަރާބަރަށް ފަރިތަކުރުންތަކަށް ނުކުމެއްޖެ ނަމަ، ގަދަ ހައެއްގެ ތެރޭގައި ލީގު ނިންމާލެވޭނެ ކަމަށްވެސް ބުންޏެވެ. ނަޒީހު ބުނީ އޭނާގެ ޓީމުގައި އެ ފެންވަރުގެ ކުޅުންތެރިން އެބަތިބި ކަމަށާއި، އައު ކުޅުންތެރިންނާއެކު ހައްލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ދެން ޓްރާންސްފާގައި ބޭރު ކުޅުންތެރިންވެސް ބަދަލުކޮށްގެން، ރަނގަޅު ފައިޓެއް ދީގެން 20 ޕޮއިންޓް ހޯދުނަސް ސަލާމަތްވެވޭނެ ކަމަށް ބެލެވޭ. ދެން އޮތް މެޗުން ތިން ޕޮއިންޓް ލިބިއްޖެނަމަ ދެ ޕޮއިންޓުގެ ފަރަގެއް އަންނާނެ." ނަޒީހު ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން އެންމެ މެޗަކުން ޔޫވީ މޮޅުވެފައިނުވެއެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ހަވީރު އެ ޓީމު ނުކުންނާނީ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.