ޚަބަރު

ކުނި މެނޭޖްކުރަން ހޭލުންތެރިކުރުމަށް ހިންގި "މަގޭ ސާފު ރާއްޖެ" މަހާސިންތާ ނިންމާލައިފި


  • މަހާސިންތާ ބާއްވާފައިވަނީ ލ. ގަމުގައި

  • ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ކުނި މެނޭޖްކުރަން ހޭލުންތެރިކަން ކުރުމަށާއި އެ ދާއިރާއިން ދިމާވާ ދަތިތަކަށް ހައްލު ހޯދަން މަޝްވަރާކުރުމަށް ކުރިއަށްގެންދިޔަ "މަގޭ ސާފު ރާއްޖެ" މަހާސިންތާ ނިންމާލައިފިއެވެ.

މި މަހާސިންތާ ކުރިއަށްދިޔައީ މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހައްދުންމަތީ ގަމުގައެވެ.

ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. މީގެ ދަށުން ގަމުގައި ބޭއްވި މަހާސިންތާގައި 9 އަތޮޅުގެއްގެ 88 ރަށުގެ މަންދޫބުން ބައިވެރިވިއެވެ.

މި މަހާސިންތާގައި ބައިވެރިން ވަނީ ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަޝްވަރާކޮށްފައެވެ. އެގޮތުން ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް، ކުނި މެނޭޖުކުރުމުގައި ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށްފައިވެއެވެ. މީގެ އިތުރުން ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ޚިޔާލުތަކާއި ތަޖުރިބާތައް ބަދަލުކޮށްފައިވާއިރު، ކުންޏާ ބެހޭ ޤާނޫނުތަކާއި ސިޔާސަތުތަކާއި ޤައުމީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަގޭ ސާފު ރާއްޖެ މަހާސިންތާގެ ތެރެއިން ކުނި މެނޭޖުކުރުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކާއި ރާއްޖޭގައި މިކަން ދެމެހެއްޓެނިވި އުޞޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މަގޭ ސާފު ރާއްޖެ މަހާސިންތާއަކީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ. މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ކުންޏާ ބެހޭ ޚާއްސަ ޑޭޓާބޭސް ވެސް ވަނީ އިފްތިތާޙުކޮށްފައެވެ.

"މަގޭ ސާފު ރާއްޖެ" މަހާސިންތާގައި ކައުންސިލްތަކުގެ ރައީސުންނާއި އަމިއްލަ ޖަމިއްޔާތަކާއި ކުންފުނިތަކާއި ސަރުކާރު އިދާރާތަކުން ބައިވެރިވިއިރު، މަހާސިންތާގެ ސަބަބުން ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް އެދެވޭ ހައްލުތަކެއް ގެނައުމަށް މުހިންމު މަޢުލޫމާތުތަކެއް ލިބުނުކަން ބައިވެރިން ފާހަގަކުރެއްވިއެވެ.

"މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" މަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން 200 މީހުން ބައިވެރިވިއެވެ.