މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތް ބާއްވަނީ ދިވެހީންގެ މެދުގައި ދިވެހި ތާރީޚަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުމުގެ މަޤުސަދުގައި ކަމަށެވެ. އަދި ހުރަވީ ދުވަހާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމާއި، ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިން މި ޤައުމަށް ވެވަޑައިގެން ޤުރުބާނީއާއި ދޮންބަންޑާރައިންގެ ހަޔާތްޕުޅުން ނެގޭ ފިލާވަޅުތައް ރަމްޒުކޮށްދޭ ކަންކަމުގެ މައްޗަށް ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި މުބާރާތް ހުޅުވާލާނީ ދެ ގިންތިއަކަށް ބަހާލައިގެން ކަމަށާއި، މި ދެ ގިންތީގެ އުފެއްދުންތައް އިންސާފު ކުރުމާއި، މާކުސް ދިނުން އޮންނާނީ މުޅިން ވަކީން ކަމަށެވެ. އެގޮތުން ފުރަތަމަ ގިންތީގައި ހިމެނެނީ، 21 އަހަރާއި 21 އަހަރުން ދަށް އަދި ދެވަނަ ގިންތީގައި ހިމެނެނީ 21 އަހަރުން މަތި ކަމަށް ވިދާޅުވިއެވެ.
ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮންނަންވާނީ، ހުރަވީ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ ހަޔާތްޕުޅުގެ މައްޗަށް ކަމަށާއި، ތައްޔާރު ކުރާ ވީޑިއޯ ކުލިޕްތަކުގެ ޖުމްލަ ދިގުމިން ނުވަތަ ކުރު ފިލްމެއްނަމަ ދިގުމިން ވާންވާނީ، 10 މިނިޓާއި 15 މިނިޓަށް ފެތޭ އުފެއްދުމަކަށް ކަމަށް ދިވެހި ބަހާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އެވުޒާރާއިން ވިދާޅުވީ، އެއްވެސް މަންޒަރެއްގައި ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިންގެ މޫނުފުޅު ސިފަކޮށް ކުރިމަތިން ފެންނަ ގޮތަށް ދައްކައިގެން ނުވާނެ ކަމަށާއި، އެއީ ރަސްމީ ނުވަތަ އިތުބާރު ހިފޭ އެއްވެސް އެއްޗަކުން އެމަނިކުފާނު ސިފަތައް އެނގެން ނެތުމުން ތާރީޚީ އޮޅުމެއް ނާރާ ގޮތް ހެދުމަށް ކަމަށެވެ. ވީޑިއޯގައި އަސްލު މީހުން ނުވަތަ އަސްލާ އެއްގޮތް ކަރެކްޓާސް ބޭނުން ކުރެވިދާނެ ކަމަށާއި ވީޑިއޯގެ ރޭޓިންގ ވާންވާނީ ހުރިހާ އުމުރު ފުރައަކަށް ބެލޭ އުފެއްދުމަކަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އަދި ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގެ ނަމެއް އޮތުން މުހިންމު ކަމަށާއި، ހުށަހަޅާ ފަރާތުގެ ނަންވެސް ވީޑިއޯގެ ފެށުމުގައި ފެންނަންވާނެ ކަމަށް ވިދާޅުވިއެވެ.
މި މުބާރާތުން ވަނަ ވަނައަށް ދާ ކުރު ފިލްމު ނުވަތަ ވީޑިއޯ ކުލިޕްތަކަށް ފައިސާގެ އިނާމުވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުން ކޮންމެ ގިންތިއަކުން ހޮވާނީ 1،2،3 ވަނަ ކަމަށެވެ. އެގޮތުން 1 ވަނައަށް ހޮވޭ ކުރު ފިލްމު ނުވަތަ ވީޑިއޯ ކުލިޕަކަށް 15،000 ރުފިޔާއާއި ހަނދާނީ ލިޔުމާއި، ދެވަނައަށް 10،000 ރުފިޔާއާއި ހަދާނީ ލިޔުން، އަދި 3 ވަނައަށް 5،000 ރުފިޔާއާއި ހަނދާނީ ލިޔުން ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޑިސެންބަރު 2025ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، [email protected] އީމެއިލަށް ލިންކެއް މެދުވެރިކޮށް ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމު ހުށަހެޅުން އެދޭ ކަމަށެވެ. މި މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯމު އިޢުލާނާއެކު ވަނީ ހިމަނާފައެވެ.