ޚަބަރު

ޖަޕާނަށް ކަނޑައަޅުއްވާ ސަފީރަކަށް ކުރީގެ ވަޒީރު މަޙްލޫފް


  • މަޙްލޫފް އައްޔަންކުރުމާއިމެދު ފެންނަގޮތެއް ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައި

  • މަޙްލޫފް އެމްޑީޕީން ވަކިވެ ޕީއެންސީއާއި ގުޅިވަޑަގަތީ މިމަހުގެ 14 ވަނަ ދުވަހުގެރޭ

ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރީގެ ވަޒީރު އަހުމަދު މަޙްލޫފު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޙްލޫފު އައްޔަން ކުރުމަށްޓަކައި، އޭނާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މަޙްލޫފަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނިކުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީންނެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެތް ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ފުރުއްވާފައެވެ.

ސިޔާސީ މަސައްކަތުގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރައްވާފައިވާ މަޙްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފްލާގައެވެ.