ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ކުޅިވަރުގެ ހިންގުން ހަރުދަނާކުރުމާއެކު، މުޅި ރާއްޖެއަށް ކުޅިވަރު ފަތުރާލުން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
ފާއިތުވެދިޔަ އަހަރަކީ ދިވެހި ސަރުކާރުން ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކުޅިވަރު ތަރައްޤީގެ ޕްލޭނުގައި ހިމެނޭ އަމާޒުތައް ހާސިލުކުރުމަށް ކުޅިވަރުގެ ރަނގަޅު ބިިންގަލެއް އެޅުމުގެ މަސައްކަތް ފަށައިގަތް އަހަރެކެވެ.
އެ މިސްރާބަށް ވާސިލުވުމަށް ކުރާ އުއްމީދަށް އެންމެ ބޮޑު ދިރުމެއް ގެނެސްދިނީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކުޅިވަރު ޤާނޫނުގެ ފުރަތަމަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމެވެ. މި އިސްލާހުގެ ސަބަބުން ލާމަރުކަޒީ ކުޅިވަރު އޮނިގަނޑެއް ބައްޓަންވެ، ކޮންމެ ކުޅިވަރެއްގައިވެސް ސަރަޙައްދީ އެސޯސިއޭޝަންތައް އުފެދިގެންދާނެއެވެ.
ވޭތުވެދިޔަ 104 ހަފުތާގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ހޯދުނު މުހިންމު ކާމިޔާބީތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވީ ސަރުކާރާ ހަވާލުވިއިރުވެސް އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަކަން ފާހަގަވި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ކުޅިވަރުގެ ހިންގުން ހަރުދަނާކުރުމާއެކު، ކުޅިވަރު މުޅި ރާއްޖެއަށް ފަތުރާލުން ކަމަށާއި، ކުޅިވަރަކީ ހަމައެކަނި މާލެއަށް ބަރޯސާވެގެން ކުޅެވޭ ކުޅިވަރެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި މުޅި ރާއްޖެއަށް ފަތުރާލައިގެން، މުޅި ރާއްޖެ ޝާމިލުވާގޮތަށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ކުޅެވޭ ގޮތަށް ކަންކަން ބައްޓަންކުރުން ކަމަށް ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ނިމިދޔަ 104 ހަފުތާގެ ތެރޭގައި މުޅި ރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ވަރަށް ގިނަ މަޝްރޫއުތަކެއް ފައްޓަވައި، ހިންގަވައި، އަދި ނިންމަވާފައި، އެތަންތައް ހުޅުވުމުގެ ރަސްމިއްޔާތުތައްވެސް މި ވަނީ ބާއްވާފައި." ޠަލާލް ވިދާޅުވިއެވެ.
ޠަލާލް ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް ވަރަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާއިރު، އޭގެ ތެރެއިން އެއް ބަދަލަކީ ޤައުމީ ހައިސިއްޔަތު ދެވިފައި ހުރި ކުޅިވަރު ޖަމުޢިއްޔާތައް ހިންގަންވާނީ ހަމައެކަނި މާލޭގައި ނޫންކަން ހިމެނިފައިވުން ކަމަށެވެ.
"އެއީ އެސޯސިއޭޝަންތައް ރަށްރަށުގައި އެބަ އުފެދޭ. ރީޖަނަލް އެސޯސިއޭޝަންތަކެއް އެބަ އުފެދޭ. މި އެސޯސިއޭޝަންތައް ގުޅިގެން ގައުމީ އެސޯސިއޭޝަން އުފެދޭ ގޮތަށް ޤާނޫނު ފަރުމާކުރެވިފައި މި އޮތީ. އެހެންވީމަ މީގެން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފުރުސަތު ލިބޭ މުޅި ރާއްޖެއަށް ކުޅިވަރު ފަތުރާލަން، އެއީ ހުރިހާ ކުޅިވަރެއްވެސް. ހުރިހާ ކުޅިވަރެއްގެ ޤައުމީ އެސޯސިއޭޝަން އުފެދިގެން އަންނާނީ މުޅި ރާއްޖެ ޝާމިލުވާ ގޮތަށް." ޠަލާލް ވިދާޅުވިއެވެ.
ކުޅިވަރު ޤާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް ކުރައްވަން ފެއްޓަވާފައެވެ. އެ މަސައްކަތަކީ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކާއި މަޝްވަރާކުރެވި، އެންމެންގެ ޚިޔާލާއެކު ކުރެވުނު މުހިންމު މަސައްކަތެކެވެ.