ރަމަޟާންމަހުގެ ކުރިން އިއްޒުއްދީން ފާލަމުން ފެށިގެން އެމްޕީއެލް ސަރަހައްދާއި ދެމެދު އޮތް މަގު ފުޅާކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތްކުރައްވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
ސަޢުދީ މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމުގައި މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީ ވަނީ، މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަހުމަދު ސަޢުދީ ވިދާޅުވީ، މި މަސައްކަތުގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން އެމްޕީއެލް ސަރަހައްދަށް ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ރަމަޟާންމަހުގެ ކުރިން ނިންމުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތްކުރަމުންދަނީ ކާރުބާރު ބޮޑު އަދި ޚާއްސަކޮށް ވިޔަފާރިވެރިންގެ ދަތި އުނދަގޫތަކެއް ހުންނަ ސަރަޙައްދެއްގައިކަމަށްވުމުން މަސައްކަތްކުރުމަށް ދަތިތަކެއް ކުރިމަތިވީނަމަވެސް، އެ ސަރަހައްދުގައި މަސައްކަތްކުރާ ވިޔަފާރިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުންލިބޭކަން ސަޢުދީ ފާހަގަކުރެއްވިއެވެ.
" މި ސެގްމެންޓުގަ މަސައްކަތްކުރަމުން މިދަނީ މާލޭގެ ވަރަށް ކާރުބާރު ބޮޑު ޚާއްސަކޮށް ވިޔަފާރިވެރިންގެ ދަތި އުނދަގޫތަކެއް ހުންނަ ސަރަޙައްދެއްގަ. އެބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު މި މަސައްކަތް ނިންމާލެވިއްޖެނަމަ ފަހުން ފަސޭހަވާނެ". އަހުމަދު ސަޢުދީ ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 5 ސެގްމަންޓްގެ ދަށުން ޖުމްލަ 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެއެވެ.
4 ލޭނަކަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމޭއިރު، އުޅަނދު ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ.