ޚަބަރު

ލިވަޕޫލް އަނެއްކާވެސް ބަލިވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލޭންޑްސްގެ ޕީއެސްވީ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 4-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ޕީއެސްވީ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އިވާން ޕެރިސިޗް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ނަމަވެސް އޭގެ އަށް މިނިޓު ފަހުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮޒްލާއީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޕީއެސްވީ އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ގޫސް ޓިލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ ފަހު ވިހި މިނިޓުގެ ތެރޭގައި ސުހޭބް ދިލުއޭޝް ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު ޕީއެސްވީ އަށް ވަނީ ފަސް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލުގެ 15 ވަނަ މަގާމް ލިބިފަ އެވެ. ލިވަޕޫލް އަށް ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން, ލިވަޕޫލް މި މެޗުން ބަލިވިއިރު މިއީ 1953 ވަނަ އަހަރަށްފަހު މިހާ ދަށް ނަތީޖާތަކެއް އެ ޓީމަން ނެރެވިފައިވާ ފުރަތަމަ ފަހަރެވެ. ލިވަޕޫލް އިން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު ވަނީ ދެ މެޗުން ބަލިވެފަ އެވެ.