ސީއޭ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއަން-އޯޝޭނިއަން ސްޓޭންޑާޑް ސެޓާސް ގްރޫޕުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ. ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި 17 ޤައުމެއްގެ 40 އަށް ވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.
އޭޝިއަން-އޯޝޭނިއަން ސްޓޭންޑާޑް ސެޓާސް ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން އެކައުންޓިން ދަރިއާ ހަރުދަނާކޮށް ބައިނަލްއަލްއަޤްވާމީ މިންގަނޑުތަކާއި އެއްހަމަކުރުމައި ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެއެވެ. ބުރާސްފަތި އަދި ހުކުރު ދުވަހު ކުރިއަށްދާ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީއެވެ. އަދި ޚާއްސަ މެހެމާނެއްގެ ގޮތުގައި، އިންޓަނޭޝަނަލް އެއަކުންޓިން ސްޓޭންޑާޑްސް ބޯޑުގެ ޗެއަރ ޑރ. އެންޑްރިއާސް ބާކޯ ބައިވެރިވެރިވެވަޑައިގެންނިވެއެވެ.
ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ ރާއްޖެއިން މި ޖަމިއްޔާއާއި ފުރަތަމަ ފުޅިފައިވަނީ، އޭރު ސީއޭ މޯލްޑިވްސްގެ ރައީސްއަކަށް އޭނާ ހުންނެވި ދުވަސްވަރު ކަމަށެވެ. އޭގެ ފަހުން މިއަހަރު އެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބި، މި ބައްދަލުވުން ބޭއްވުމަކީ ލިބިގެންދާ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޮޑިޓަރ ޖެނެރަލްގެ ވާހަކައިގަ ހާމަކަން ބޮޑު، ހަރުދަނާ ޖަވާބުދާރީ ވެވޭނެ މާލީ ހިސާބުތައް ތައްޔާރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މީގެ އިތުރުން އޮޑިޓަރ ޖެނެރަލް ވަނީ ސަސްޓެއިނަބަލް ރިޕޯޓިން ނުވަތަ ވެށީގެ ދެމެހެއްޓިނިވިކަމަށް މާލީ ހިސާބުތައް ތައްޔާރުކުރަން ފަށަން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
"އަޅުގަނޑަށް ޔަޤީން މުސްތަޤުބަލުގެ ޖީލުތައް އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނެ، އަޅުގަނޑުމެން ސަސްޓެއިނަބިލިޓީ ރިޕޯޓިން ފަސްކުރަންޏާ. އަޅުގަނޑު ޤާބޫލުކުރަނީ ސަސްޓެއިނަބިލިޓީ ރިޕޯޓިން އަކީ ދެމެހެންޓެނިވި މަސައްކަތެއް ކުރުމުގެ އަސާސް. އަޅުގަނޑު ގޮވާލަން މިތަނުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ދުނިޔެ ސަލާމަތް ކުރުމުގައި އަޅުގަނޑުމެން އަދާކުރަން ޖެހޭ ދައުރު އަދާކުރުން އަވަސް ކުރުމަށް." އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވިއެވެ.
ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ ރައީސްގެ މުހައްމަދު ހަލީމް އަބްދުﷲ ވަނީ އޭޝިއަން-އޯޝޭނިއަން ސްޓޭންޑާޑް ސެޓާސް ގްރޫޕަކީ، ހަމައެކަނި ފަންނީ ފަރާތްތައް ހިމެނޭ ޖަމާޢަތެއް ކަމުގައި ނުދޭކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި މި ޖަމާޢަތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ޤައުމުތަކަށްވެސް އެހީތެރިކަން ލިބި ބައިނަލްއަޤްވާމީ އެކައުންޓިން މިނގަނޑުތައް ކަނޑައެޅުމުގައި ޝާމިލްވުމުގެ ފުރުސަތު ލިބޭ ކަމަަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތަޖުރިބާތައް ހިއްސާކޮށް އަޅުގަނޑުމެންގެ އަޑު އެކުގައި އިއްވައިދިނީމާ، އަޅުގަނޑުމެންނަށް ޔަޤީންކަން ދެވޭ ބައިނަލްއަޤްވާމީ އެކައުންޓިންގ ފްރޭމްވޯކަކީ ޝާމިލް ކުރާ، މުސްތަޤުބަލަށް ބެލިގެން ތައްޔާރުވެފައިވާ އެއްޗެއްކަން. މިއީ ހަމައެކަނި ފަންނީ ވާހަކަތަކެއް ނޫން. މިއީ ހަމަހަމަކަމާއި އިތުބާރާއި ދެމެހެއްޓެނިވި ތަރައްޤީގެވެސް ވާހަކަތަކެއް." ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމް ވިދާޅުވިއެވެ.
ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްދާ ބައްދަލުވުމުގައި، އޭޝިއާ އަދި އޯޝަނިއާގެ ޤައުމުތަކުން ތަމްސީލުކުރާ 40 އަށްވުރެ ގިނަ މަންދޫބުން 17 ޤައުމެއް ތަމްސީލުކުރެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެކައުންޓިންގ ދާއިރާއަށް އަންނަ ބަދަލުތަކާއި، ސަރަޙައްދީ ފެންވަރުގައި އިސްކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެއެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ފަންނީ ތަފާތު ކަރުދާސްތައް ހުށަހަޅާ އެކައުންޓިން މިންގަނޑުތައް ހަރުދަނާ ކުރުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.
އޭއޯއެސްއެސްޖީ ބައްދަލުވުން ނިމުމަށްފަހު، ނޮވެންބަރު 29 ވަނަ ދުވަހު ސީއޭ މޯލްޑިވްސްއިން އިންތިޒާމުކުރާ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑްސް، އައިއެފްއާރުއެސްގެ އަހަރީ ފޯރަމް ފަށާނެއެވެ.
މި ފޯރަމުގައި އެކައުންޓިންގ ސްޓޭންޑަރޑްތައް ކަނޑައަޅާ ބައިނަލްއަޤްވާމީ އިދާރާތަކާއި ލީޑަރުންގެ ތެރެއިން 25 އަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ. ބައިނަލްއަޤްވާމީ މިފަދަ ބޮޑެތި ފޯރަމްތައް ރާއްޖޭގައި ބޭއްވުމަކީ، ސީއޭ މޯލްޑިވްސްއަށް ބައިނަލްއަޤްވާމީ މައިދާނުގައި ލިބޭ އިތުރު ޝަރަފެއް ކަމަށާއި، މިއީ ރާއްޖޭގެ އެކައުންޓިންގ ދާއިރާއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށްވެސް ސީއޭ މޯލްޑިވްސްއިން ވިދާޅުވެއެވެ.