ޚަބަރު

މޫޑީޒްގެ އައުޓްލުކުން ދައްކުވައިދެނީ ސަރުކާރުގެ ފިޔަވަޅުތަކުގެ ހެޔޮ ނަތިޖާ: މާލީ ވަޒީރު


  • މޫޑީޒްއިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް"އަށް ބަދަލުކޮށްފައި

  • ރާއްޖޭގެ މާޒީ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު ބަދަލުތައް ސަރުކާރުންދަނީ ގެންނަމުން

މޫޑީޒްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމަކީ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ހެޔޮ ނަތީޖާ ދައްކުވައިދޭ ކަމެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ދަށުން އިޤްތިޞާދު ކުރިއެރުވުމަށް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ޑޮލަރުގެ އާމްދަނީ އިތުރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ވަރުގަދަކޮށް، ބަޖެޓް މެނޭޖްކުރުންވެސް ހަރުދަނާކުރެވިފައިވާކަމަށެވެ. އަދި މިކަންކަމާއެކު އިޤްތިޞާދަށް އޮތް ނުރައްކާތައް ކުޑަކުރެވި، ރާއްޖޭގެ އިޤްތިޞާދަށް އޮންނަ އިތުބާރުވެސް ބޮޑުކުރެވިފައިވާކަމަށެވެ. އަދި މޫޑީޒްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމަކީ އޭގެ ހެއްކެއްކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒުހުރީ މާލީ ހާލަތު ރަނގަޅުކޮށް، ޒިންމާދާރުކަމާއެކު ދަރަނި އަދާކުރުމުގެ ކަންކަން އިންތިޒާމްކޮށް، ޤައުމަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދިނުމަށްކަމަށެވެ.

ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް މިހާރު ވަނީ "ސްޓޭބަލް" އަށް ބަދަލުކޮށްފައިވަނީ މިއަދުއެވެ.

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް މިކަމުން ފެންނަ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.