ޚަބަރު

ރައީސްގެ ބައްދަލުވުންތަކަށް ކުރިން ސުވާލާއި ޚިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ


  • ހީނާ ވިދާޅުވީ ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރަން ނުޖެހޭނެކަމަށް

  • ރައީސް އަންނަނީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ.

މީގެ ކުރިން ބޭއްވި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާކަންކަމާއި ބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ އެއުޞޫލުންކަމަށްވެސް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާފައެވެ. އަދި މިހާރު އެމަނިކުފާނު ވަނީ މާލޭގެ އެކި އަވައްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައެވެ.

އެގޮތުން އެ މަނިކުފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިގިނލީގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޯޅިގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވިއެވެ. ވަކިން ޚާއްސަކޮށް މި ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ސުވާލެއް ނުވަތަ ޚިޔާލެއް ހުށަހެޅުމުގެ ފުރުޞަތު އެއްވެސް ހުއްޓުމެއްނެތި ފޯރުކޮށްދެއްވާފައިވެއެވެ.