ޚަބަރު

ޕީއެސްއެމް މުވައްޒަފުން، ލަންކާ ރައްޔިތުންނަށް 1 ލައްކަ 13 ހާހަށްވުރެ ގިނަ ރުފިޔާ


  • މިއީ ޕީއެސްއެމް މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ

  • ޓެލެތޯން ނިންމާލިއިރު ގިނަ އަދަދެއްގެ ފައިސާ ވަނީ ލިބިފައި

ސްރީލަންކާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމްގެ މުވައްޒަފުންގެ ފަރާތުން 1 ލައްކަ 13 ހާހަށް ވުރެ ގިނަ ރުފިޔާ ހާދިޔާކޮށްފިއެވެ.

ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ 38 މީޑީއާއަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ފައިސާ ބަލައިގަތުމުގެ ވަގުތު މެނދުރު ފަހު 2:00 ހަމައަށް ވަނީ ހަމަވެފައެވެ. މި ޓެލެތޯނަށް ޕީއެސްއެމްގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޓެލެތޯނަށް މުވައްޒަފުންގެ ފަރާތުން ޖުމްލަ 113،646.83ރ. ވަނީ ހަދިޔާކޮށްފައެވެ.

މުވައްޒަފުންގެ ފަރާތުން ހަވާލުކޮށްދެއްވި ފައިސާގެ ރަމްޒީ ޗެކާއި ހަވާލުވީ ކުންފުނީގެ ޗެއަރޕާސަން އައިމިނަތު ނަމްޒާއެވެ. ފައިސާގެ ރަމްޒީ ޗެކާއި ހަވާލުވުމަށް ފަހު ޗެއަރޕާސަން ނަމްޒާ ވިދާޅުވީ މި ހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުމުގެ އަސްލަކީ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެހެން މީޑިއާތަކާއި ގުޅިގެން ޕީއެސްއެމްއިން އިސްވެ ކުރި މަސައްކަތަކީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކުރި މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި އުޚޫވަތްތެރިކަމުގެ ނަމޫނާ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ދައްކާ ކަމަށް ޗެއަރޕާސަން ނަމްޒާ ވިދާޅުވިއެވެ.

މި ޓެލެތޯނަށް ޕީއެސްއެމްގެ ފަރާތުން ފައިސާ ހަދިޔާ ކޮށްފައިވާއިރު، ޓެލެތޯނަށް ސަރުކާރު ހިއްސާވާ ގިނަ އަދަދެއްގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ އެކި އިދާރާތަކާއި ވުޒާރާތަކުންވެސް ޓެލެތޯނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 11 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ލިބިފައެވެ.