އަހަރުތަކަކަށްފަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މެޗު ޝަރަފުވެރިކޮއްދެއްވުމަށް ހެންވޭރު ދަނޑަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤުގެ އިތުރުން އެ އިދާރާގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހީމް އާއި ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރެވެ. މީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
މި އަހަރު ވިމެންސް ލީގުގެ ފުރަތަމަ މެޗު ވިކްޓަރީ ސްޕޯޓްސް ކުލަބު ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 6-0 ލަނޑުންނެވެ. ވިމެންސް ލީގު ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.