ޚަބަރު

ނިއުކާސަލް އާއި ޓޮޓްނަމް އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް މި މެޗުގައި ނިއުކާސަލް އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ނިއުކާސަލް ޔުނައިޓެޑް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި ބްރޫނޯ ގުއިމަރޭސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން ޓޮޓްނަމް ހޮޓްސްޕަރގެ ކްރިސްޓިއަން ރޮމޭރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ނިއުކާސަލް އިން ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ނިއުކާސަލް އަށް ލިބުނު ޕެނަލްޓީ އަކުން އެންތޮނީ ގޯޑޮން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނިއުކާސަލްގެ ޑޭން ބަރން އަށް ރޮޑްރިގޯ ބެންޓަންކޫރް ފައުލް ކުރި ނަމަވެސް ރެފްރީ ވަނީ އެއީ ފައުލެއް ނޫން ކަމަށް ފުރަތަމަ ނިންމާފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެންގުމަށް ދެވަނަ ފަހަރަށް ރެފްރީ ވަނީ ވީޑިއޯ ބެލުމަށްފަހު އެ ނިންމުން ބަދަލުކޮށް ނިއުކާސަލް އަށް ޕެނަލްޓީ އެއް ދީފަ އެވެ.

ޓޮޓްނަމް އަށް މި މެޗުން ޕޮއިންޓެއް ކަށަވަރުވެފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ކްރިސްޓިއަން ރޮމޭރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ޓޮޓްނަމް އަށް ލިބިފައިވާ 19 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ. އަދި ނިއުކާސަލް އަށް ވެސް 19 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.