ޚަބަރު

އެތްލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް


ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.

މި ނަތީޖާ އާއިއެކު ބާސެލޯނާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ޖުމްލަ 37 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނި 33 ޕޮއިންޓެވެ. މި މެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑަށް 15 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.

ބާސެލޯނާގެ ސްޕޮޓިފައި ނޯ ކޭމްޕް ގައި ސާޅީސް ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި އެތްލެޓިކޯ މެޑްރިޑްގެ އެލެކްސް ބައޭނާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 26 ވަނަ މިނިޓުގައި ބާސެލޯނާގެ ކެޕްޓަން ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.