މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ޓީމުތައް ކުރިއަރަމުން އަންނަ ކަމަށާއި، ލީގުގެ ދެވަނަ ބުރު ވަރުގަދަވާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުންވެސް މޮޅުވެ، ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 27 ޕޮއިންޓާއެކުއެވެ. މާޒިޔާ އަކީ ލީގުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމެވެ. މި މެޗުތަކުގައި އެ ޓީމުން 35 ލަނޑު ޖަހާފައިވާއިރު، ބައިކޮޅަށް ވަދެފައިވަނީ އެންމެ ތިން ލަނޑެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ ދެވަނަ ބުރު ފެށުމުގެ ކުރިން މިހާރު ބޭނުންވަނީ މުޅި ޓީމަށް ހަމަޖެހިލަން ވަގުތުކޮޅެއްދޭން ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުންވެސް މޮޅުވުމުން އުފާވާ ކަމަށާއި، ކުޅުންތެރިންގެ ކިބައިން އިތުރަށް އެދޭނެ އެއްވެސް ކަމެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.
ހެނާންޑޭޒް ބުނީ ލީގުގައި މިހާރު ވާދަކުރަމުން އަންނަ ޓީމުތައް ކުރިއަރަމުން އަންނަ ކަމަށާއި، އެހެންކަމުން ލީގުގެ ދެވަނަ ބުރު ވަރުގަދަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ލީގުގެ ފެންވަރު މަތިވަމުން އައި ނަމަވެސް، މާޒިޔާއަށް ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. ހެނާންޑޭޒް ބުނީ ޓީމާ ހަވާލުވިއިރު، މާޒިޔާއަކީ ޗެމްޕިއަނުންކަން އެނގޭ ކަމަށާއި، އެހެންކަމުން އެކަން ދިފާއުކުރުމަށް އޭނާއަށް ޒިންމާއެއް އެބައޮތް ކަމަށެވެ. އަދި ލީގުގެ ކޮންމެ މެޗަކަށްވެސް ނުކުންނަނީ މޮޅެއް ހޯދުމަށް ކަމަށާއި، މިހާރު އޮތް މަގާމު ދެވަނަ ބުރުގައިވެސް ހިފަހައްޓަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ލީގުގެ އެއްވަނައިގައި މާޒިޔާ މި ވަގުތު އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް 22 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.