ޚަބަރު

އެފްއޭއެމް ވިމެންސް ލީގު 2025: މާޒިޔާ ލީގު ފެށީ މޮޅަކުން


  • []

އެފްއޭއެމް ވިމެންސް ލީގު 2025 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މޮޅަކާ އެކު ލީގު ފަށައިފިއެވެ. ލީގުގަ ކުޅުނު ފުރަތަމަ މެޗު މާޒިޔާ ކާމިޔާބު ކުރީ ބިސްބުރު ސްޕޯޓްސް ކުލަބާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ އެދެވޭ ހަމަލާއެއް އުފެއްދިފަ ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގެ ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިފަވަނީ މާޒިޔާގެ ފާތުމަތު އަޒްފާއަށެވެ. 27 ވަނަ މިނިޓުއި އަޒްފާ ހުސްކޮށް ހުރެ ހިފައިގެން ދިޔަ ބޯޅައެއް ބިސްބުރު ޕެނެލްޓީ އޭރިއާ ތެރެއިން ޓެކުލްކޮށް ބޭރުކޮއްލީ އެޓީމުގެ ޝައުފާ އިބްރާހިމްއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ބިސްބުރުން ރަނގަޅަށް ކުޅުނު ނަމަވެސް މާޒިޔާ ވަނީ ފަހުން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާފައެވެ.

މާޒިޔާ އިން މެޗުގެ ލީޑު ނެގީ 58 މިނިޓުގައި ލިބުނު ޕެނެލްޓީއަކުން ޝަހުފާ ޝިއުތު ކާމިޔާބު ކުރި ލަނޑުންނެވެ. މިއީ ބިސްބުރު ކުޅުންތެރިއެއްގަ އަތުގައި އޭރިއާ ތެރެއިން ބޯޅައިން ޖެހުމުގެ ސަބަބުން ލިބުނު ޕެނެލްޓީއެކެވެ.

މާޒިޔާ ދެވަނަ ލަނޑީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި ފަހުހާފުގައި ބަދަލަކަށް ނުކުތް ފާތުމަތު ނިހާމާ ގޯލަށް ވައްދާލި ބޯޅައެކެވެ. މިއީ އޭރުޔާ ބޭރުން ނިހާމާއަށް ލިބުނު ބޯޅައެއް ހިފައިގެން ވަދެ ކާމިޔާބު ކުރި ލަނޑެކެވެ.

ވިމެންސް ލީގުގެ ފުރަތަމަ މެޗުތަކުގެ ކުޅުން ނިމުނުއިރު ވިކްޓަރީގެ އިތުރުން މާޒިޔާ ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. ލީގުގަ ދެން މެޗެއް އޮންނީ ހުކުރުދަވަހު ހަވީރުއެވެ. އެ މެޗުގަ ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބެވެ.