އާސެނަލްގެ ޑިފެންޑަރ ކްރިސްތިއަން މޮސްކޭރާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ބްރެންޓްފޯޑް އަތުން 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައި މޮސްކޭރާ އަށް އަނިޔާ ވެފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
ފްރާންސަށް އުފަން އުމުރުން 21 އަހަރުގެ ޑިފެންޑަރަށް އަނިޔާ ވުމާއިއެކު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް ވަނީ އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެ ޓީމުގެ ޑިފެންޑަރުންގެ ތެރެއިން ގެބްރިއަލް މަގަލާއެސް އާއި ވިލިއަމް ސަލީބާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެ ދެ ކުޅުންތެރިން މިވަގުތުވެސް ތިބީ ކުޅުމާއި ދުރުގަ އެވެ.
އާޓޭޓާ އިތުރަށް ބުނެފައިވަނީ މޮސްކޭރާގެ އަނިޔާގެ ސީރިއަސް ކަން ބެލުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އޭނާއަށް އެންމެ އަވަހަށްވެސް ކުޅުމުގެ ތެރެއަށް އާދެވޭނީ ހަ ހަފްތާ ފަހުން ކަމަށެވެ.
ވިލިއަމް ސަލީބާ އަށް ލިބިފައިވާ އަނިޔާއިން ރަގަޅުވެ އޭނާ އަވަހަށް ޓީމާއި ގުޅޭނެކަމަށް ގަބޫލުކުރެވުނު ނަމަވެސް މަގަލާއޭސް އަށް ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ ޖެނުއަރީ މަހު ކަމަށްވެސް އާޓެޓާ ވަނީ ބުނެފަ އެވެ.
ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލް މިއަދު ނިކުންނާނީ އެސްޓަން ވިލާ އާއި ދެކޮޅަށެވެ.