ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިލްސިލާގޮތެއްގައި ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުން، ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން މިބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30 ހުގައި ކަލާފާނު ސްކޫލްގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މިބައްދަލުވުމަށް ހެންވޭރުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ…
— Heena Waleed (@MvSpokesperson) December 6, 2025
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެންދަވަނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ.
މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ބައްދަލުކުރައްވާފައެވެ.