މިއަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރ މަހު އަސާސީ ކާބޯތަކެތީގެ އަގުތައް %0.69 ދަށްވެފައިވާ ކަމަށް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސްޓެޓިސްޓިކް ބިއުރޯއިން ދަނީ، ކޮންމެ މަހަކުވެސް އަސާސީ މުދަލުގެ އަގަށް އަންނަމުންދާ ބަދަލުތައް އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ރިޕޯޓުގައި ޢާންމު ކުރަމުންނެވެ.
އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ރިޕޯޓުގައިވާ ގޮތުން އޮކްޓޯބަރ މަހާއި އަޅާބަލާއިރު މައިގަނޑު ހުރިހައި ބާވަތްތަކެއްގެ އަގުތައް ވަނީ، %0.69 ދަށްވެފައެވެ. މި ރިޕޯޓުގައިވާ ގޮތުން ކެއުމަށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ވަނީ، އޮކްޓޯބަރ މަހާއި އަޅާބަލާއިރު ނޮވެމްބަރ މަހުގެ ތެރޭގައި %1.11 ދަށްވެފައެވެ. ނަމަވެސް ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް %0.55 އަށް އިތުރުވެފައިވެއެވެ.
ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ކުކުޅާއި މަހުގެ ބާވަތްތަކުގެ އަގުތައް މިދިޔަ މަހުގެ ތެރޭގައި ވަނީ، %0.04 އަށް ދަށްވެފައެވެ. ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް %0.41 އަށް ދަށަށް ގޮސްފައިވެއެވެ. މޭވާގެ ބާވަތްތަކުގެ އަގުތައް %4.50 އަދި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް %0.76 އަށް ވަނީ ދަށަށް ގޮސްފައެވެ. މީގެއިތުރުން ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތައް %0.80 އަށް ދަށްވެފައިވެއެވެ.
މީގެއިތުރުން ކާން ބޭނުންކުރާ ތެލާއި ޗީޒްގެ ބާވަތްތަކުގެ އަގުތައް ވަނީ، %0.19 ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތެލާއި ގޭހުގެ އަގުތައް ދަށަށް ގޮސްފައިވަނީ، %0.83 އަށެވެ.
އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) އަކީ، ޢާއްމުކޮށް ގޭބިސީއަށް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލު އެނގޭ ގޮތަށް ނެރެން ފެށި ލިސްޓެކެވެ. އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ސަބަބުން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.