ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ސްރީލަންކާގައި ތިބި ދިވެހި ރައްޔިތުން އެޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފިއެވެ.
ސްރީލަންކާގެ ސަރަޙައްދުތަކަށް ދިތުވާ އަރާފައިވަނީ، ނޮވެންބަރު 28ވަނަ ދުވަހުއެވެ. އެ ތޫފާނާއި ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 500އާ ގާތް ކުރެއެވެ.
ތޫފާނާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިރާއްޖެއިން ދަނީ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެެވެ. އެގޮތުން ދިވެހި ހައިކޮމިޝަންގެ އެހީތެރިކަމާއެކު ލަންކާގައި އުޅޭ ދިވެހި ރައްޔިތުން ވަނީ، އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް އަސާސީ ސާމާނު ހިމެނޭ 78 ފޮށީގެ ތަކެތި ހަދިޔާކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ ހަލީމަތު ޝިޒްނާ ވިދާޅުވީ، ލަންކާގެ ރައްޔިތުންނަށް ދިމާވި ހިތާމަވެރި ކާރިސާ އެންމެ ގާތުން ފެނުނު އެއްބަޔަކަށް ލަންކާގައި އުޅޭ ދިވެހި ރައްޔިތުން ވާނެ ކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ލަންކާގައި އުޅޭ ދިވެހި ކޮމިއުނިޓީން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމަށެވެ.
ޝިޒްނާ ވިދާޅުވީ، ލަންކާގައި އުޅޭ ދިވެހި ކޮމިއުނިޓީގެ އެދުމަށް ރާއްޖޭގެ ހައި ކޮމިޝަނުުން ލަންކާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ކަމަށެވެ. އަދި މިވަގުތު ލަންކާގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި އަސާސީ ސާމާނުތައް ދިވެހި ކޮމިއުނިޓީގެ ފަރާތުން 2 ދުވަހުގެ ތެރޭގައި ފޯރުކޮށްދިން ކަމަށް ޝިޒްނާ ވިދާޅުވިއެވެ.
ލަންކާގައި އުޅޭ ދިވެހި ކޮމިއުނިޓީގެ ފަރާތުން ހަދިޔާ ކުރި 78 ފޮށީގެ ތަކެތީގެ ތެރޭގައި އަންނައުނާއި، ބޭހާއި، ކާބޯތަކެއްޗާއި ފެން ފަދަ އަސާސީ ސާމާނުތައް ހިމެނޭ ކަމަށް ޝިޒްނާ ވިދާޅުވިއެވެ. އަދި މި ސާމާނުތައް ބަންދު ކުރުމުން ފެށިގެން ހަދިޔާ ކުރުމާއި ހަމައަށް ލަންކާގައި އުޅޭ ދިވެހި ރައްޔިތުން މިކަމުގައި ހަރަކާތްތެރިވިކަން ޝިޒްނާ ފާހަގަކުރެއްވިއެވެ.
ލަންކާއަށް ދިމާވެފައިވާ ނުރައްކާތެރި ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ދަނީ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެެވެ. އެގޮތުން ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާ ލަންކާ ސަރުކާރާ މިހާރު ޙަވާލުކޮށްފައިވާއިރު، ސަރުކާރުން ލަންކާއަށް ހަދިޔާކުރާ 25،000 މަސްދަޅު ކޭސްވެސް މިހާރު ވަނީ ރަސްމީކޮށް ލަންކާއަށް ހަވާލުކޮށްފައެވެ. އަދި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާވެސް މިހާރު ވަނީ، އެޤައުމާ ހަވާލުކޮށްފައެވެ.
ސްރީލަންކާއަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ، ދިވެހިންނާއި ވަރަށް ގާތް ގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.