ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެކި ގައުމުތަކުން ފައިސާގެ އެހީގެ ގޮތުގައި 6.59 މިލިޔަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ނޮވެންބަރު 28 ވަނަ ދުވަހު ސްރީލަންކާއަށް އަރާފައިވާ 'ދިތުވާ' ތޫފާނާ ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 500 އާ ގާތްކުރާއިރު، ލަންކާގެ އާބާދީގެ %10 މީހުންނަށް ތޫފާނުގެ އަސަރުކޮށްފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ހާމަކުރެއެވެ. އަދި މި ތޫފާނުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރު ޤައުމުތަކާއި، އެޖެންސީތަކުން މިހާތަނަށް 6.5 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށްވެސް މީޑިއާތަކުން ހާމަކުރެއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، ލަންކާއަށް އެންމެ ބޮޑު މާލީ އެހީ ދީފައިވާ ޤައުމަކީ ރާއްޖެއެވެ. އެއީ، މުޅި ޖުމްލަ 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) އެވެ. ލަންކާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ، 50،000 ޑޮލަރާއި، 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ޤައުމުގެ ސަރުކާރާ ޙަވާލުކޮށްފައެވެ. މީގެ އިތުރުން ޕީއެސްއެމުން އިސްވެ ރާއްޖޭގެ 37 މީޑިއާއަކާއި ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ)ވެސް މިހާރު ވަނީ ލަންކާ ސަރުކާރާ ޙަވާލުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ މުއައްސަސާތަކާއި ކުންފުނިތަކުންވެސް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ބޭރު ޤައުމުތަކާއި އެޖެންސީތަކުން މިހާތަނަށް ލިބިފައިވާ 6.5 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން އެންމެ ބޮޑު އެހީއެއް ރާއްޖެއިން ދިނުމަކީ ދެ ޤައުމުގެ ގާތް ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ޤައުމުގެ ނޫސްތަކުން ހާމަކުރެއެވެ.
މީގެ އިތުރުން، ތޫފާނާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނާއި، ގެއްލުމާ ކުރިމަތިލާން ޖެހުނު ވިޔަފާރިތަކަށް ލުއިތަކެއް ފޯރުކޮށްދިނުމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުން ވަނީ، އެ ޤައުމުގައި ޚިދުމަތްދޭ ބޭންކުތަކަށް އިރުޝާދު ދީފައެވެ. މިގޮތުން ލޯނު ދެއްކުމުގައި ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީ، ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭނުންވާނެ އިތުރު ލޯނުތައް ހަމަޖައްސައިދިނުމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުން ވަނީ ގޮވައިލާފައެވެ. އަދި މިހާރު ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް ދެއްކުން ތިނެއް ނުވަތަ ހަ މަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްދިނުމަށްވެސް މަރުކަޒީ ބޭންކުން ވަނީ އަންގާފައެވެ.