ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރުގަދަ ވިއްސާރަކުރަން ފެށީ މި މަހުގެ 19 ވީ ހުކުދުވަހުއެވެ. އެދުވަހުން ފެށިގެން ވިއްސާރައިގެ ބާރުގަދަވަމުން އައިސް އެންމެ ބާރުގަދަވީ މިހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
އެންމެ ބޮޑަށް ވައިގަދަވެ، ކަނޑުގަދަވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދުނު ލޯޕަރެޝަރ ޓްރަފް ރާއްޖޭގެ ސަރަޙައްދަށް އެރުމުންނެވެ.
މި ވިއްސާރައިގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވެއެވެ. ފެންބޮޑުވި ރަށްރަށުގެ ތެރޭގައި އައްޑޫސިޓީގެ ހިތަދުއާއި ގދ. ތިނަދުއާއި ލ.އަތޮޅާއި ތ. އަތޮޅުގެ ބައެއް ރަށްރަށް ހިމެނެއެވެ. މީގެތެރެއިން އައްޑޫ ސިޓީގެ ހިތަދުއާއި ގދ. ތިނަދޫގައި ފެންބޮޑުވެފައިވާ މިންވަރުން، އެރަށްރަށުން ފެންހިއްކުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވަނީ ކުރައްވާފައެވެ. އަދި ބައެއް ގޭގެއަށް ފެންވަނުން ކޮންޓްރޯލްކުރަން ޖެހި، ވެލިބަސްތާޖެހުމުގެ މަސައްކަތުގައި ދިވެހިސިފައިން ވަނީ ޙަރަކާތްތެރިވެފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވާ ގޮތުގައި މިފަދަ މޫސުމީ ޙާލަތުތަކުގައި، ކޮންމެ ބަޔަކުވެސް ޖަމާޢަތުގެ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅު ދުރާލައި އަޅަމުން ގެންދިއުން މުހިންމުކަމަށެވެ. ޚާއްޞަކޮށް ފެންބޮޑުވެގެން، ގޭގެއަށް ފެންވަދެދާނެކަމަށް ބެލޭވޭނަމަ، ފެންވަނުމުގެ ކުރިން ވެލިބަސްތާޖެހުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުކަން ދޭންވާނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ.
img:http://s3.psmnews.mv/images/660x400/14726643160134.jpg|ހިތަދޫގައި ފެންހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުންދަނީ- ފޮޓޯ: އެމްއެންޑީއެފް
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް، ރަށްރަށުގެ ލޯކަލް ކައުންސިލްތަކާއި ރަށްރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކާއި ސިފައިންގެ މަރުކަޒުތަކާ ގުޅިވަޑައިގެން ބައްލަވައި ވިލަރެސްކުރެއްވުމަށް، އެ ސެންޓަރުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރު އަދާކުރައްވަމުން ގެންދަވާކަމަށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް މެނޭޖަރ އުމަރު ފިކުރީ ވިދާޅުވިއެވެ.
"އަތޮޅުތެރޭގައި މިހުރި ސަރުކާރުގެ އެކި އިދާރާތައް، ޚާއްސަކޮށް މިކިޔާ ރެސްޕޮންސް ފޯސަސް ސިފައިން، ފުލުހުން ގުޅިގެން ރަށްތަކުގެ ހާލުބަލާ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ލޯކަލް ކައުންސިލްތަކާއި ،ރެސްޕޮންސް ފޯސަސް އާއި ސިފައިންނާއި ފުލުހުންނާ ގުޅިގެން މި މަސައްކަތް ވިލަރެސް ކުރަމުން މިދަނީ. އައްޑުވެސް އަޅުގަނޑުމެން އިއްޔެއިން ސުރެ މިދަނީ ޙާލަތު މޮނިޓަރކުރަމުން ތިނަދޫ އަދި މިއަދު ހާލަތު ބަލަމުންދިޔައިރު އަޅުގަނޑުމެންނަށް ފާހަގަވީ ތ، ލ ގެ ރަށްރަށުގައި ފެންބޮޑުވެގެން އުޅުނުކަންވެސް" އުމަރު ފިކުރީ ވިދާޅުވިއެވެ.
tw:https://twitter.com/MNDF_Official/status/770998501027278850
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން، ވިދާޅުވީ، މިފަދަ ޙާދިސާތަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ ޙާލަތަކަށް ހިނގައްޖެނަމަ އެކަން ކުރެއްވުމުގެ ތައްޔާރީތައް، ނިޒާމްގެ ތެރެއިން ހަމަޖެހިފައި އޮންނަކަމަށެވެ.
ޕީއެސްއެމް ނިވްސް ޓީމުން ހޯދި މަޢުލޫމާތަށް ބަލާއިރު، މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ކަނޑުދަތުރު ފަތުރުކުރުން ބައެއް އަތޮޅުތަކުގައި ވަނީ މަޑުޖައްސާލާފައެވެ. މިގޮތުން ވައި އެންމެ ގަދަވި، ހއ. އަތޮޅާއި، ނ. އަތޮޅުން ބުނީ ދަތުރުފަތުރުކުރެވޭ ވަރަށްވުރެ މޫސުން ގޯސްވުމުގެ ސަބަބުން އަތޮޅު ފެރީތައް މެދުކަނޑާލެވިފައިވާކަމަށެވެ. ބ. އަތޮޅުން ބުނީ ވިއްސާރައާ ގުޅިގެން އެ އަތޮޅުގައި ކަނޑުދަތުރު ނުކުރެވޭ ވަގުތުތައް އަންނަކަމަށެވެ.
މާލެއާއި އަތޮޅުތަކާ ދެމެދު މުދާއުފުލާ ބައެއް ބޯޓުފަހަރުން ބުނީ މޫސުން ގޯސްވުމާ ގުޅިގެން ދަތުރުނުކޮށް މަޑުޖައްސާލައިގެން ތިބޭތާ ހަފުތާއެއްހާ ދުވަސްވެއްޖެކަމަށެވެ. އެކަމަކު މިރޭ މޫސުން ފެންނަ ގޮތަށް ބަލައި، ދަތުރުފެށުމަށް ވިސްނާފައިވާކަމަށް ބައެއް ބޯޓުތަކުން ބުނެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި، މިއަދު ހެނދުނުން ފެށިގެން ހިނގަމުން މިދާ ސައުވީސް ގަޑިއިރުވެސް، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. ޢާންމުކޮށް ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު ފަސްމޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ޢާންމުކޮށް ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ. އަދި ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ބިން ތިރި އަދި ވައިގަދަ ސަރަޙައްދުތަކުގެ ބައެއް ރަށްރަށަށް އުދައެރުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.
tw:https://twitter.com/MNDF_Official/status/771006315787354112
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، ރާއްޖެއަށް ކުރަމުން މިދާ 2 ހަފުތާއެއްހާ ދުވަހަށް ދިގުލީ ވިއްސާރައިގައި، 8 ޙާދިސާއެއް ރިޕޯޓްކުރެވިފައިވާކަމަށެވެ. އަދި ބައެއް ޙާދިސާތަކާ ގުޅިގެން ސިފައިން އެހީތެރިވެދެއްވާފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.
ވިއްސާރައިގެ މުއްދަތާއި އަދި ވައިގަދަވެ، ކަނޑުގަދަވި ނިސްބަތަށް ބަލާއިރު، ޙާދިސާތައް ނިސްބަތުން މަދުކަމަށާއި އެކަމުގެ މައިގަނޑު އެއް ސަބަބަކީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކާއި ދަތުރުވެރިންވެސް މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުވެ، ކަމާބެހޭ މުއައްސަސާތަކުގެ މަޢުލޫމާތުތަކަށް ބަރޯސާވާ މިންވަރާއި އިލްތިމާސްތަކަށް އިޖާބަދޭ މިންވަރު އިތުރުވުންކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މޫސުން ގޯސްވެގެން ލިބޭ ގެއްލުންތަކާއި ޙާދިސާތައް ކޯސްޓްގާރޑަށް ރިޕޯޓްނުކޮށް މަޑުނުކުރުމަށް އެމްއެންޑީއެފުން ބާރުއަޅުއްވައެވެ.
ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ބާރުގަދަ ވިއްސާރަ މާދަމާއިން ފެށިގެން އަލިވާން ފަށާނެކަމަށް ރާއްޖޭގެ މުސުމާބެހޭ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ބާރު ދެރަވަމުން އަންނަކަމަށްވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވެއެވެ. އެ ސެންޓަރުން ވިދާޅުވީ، މިރެއަށްފަހު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ރަނގަޅުވާން ފެށުމުގެ ފުރުޞަތު އޮތުމާއެކު، މިރެއަށްފަހު، މޫސުން ރަނގަޅު ހިސާބުތަކަށް، މޫސުމާބެހޭ މަޢުލޫމާތު ހޯދައިގެން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ދަތުރު ފެށުން އެންމެ ރަނގަޅުވާނެކަމަށެވެ.