ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަން ވިޒިޓް މޯލްޑިވްސް، އަލިޕޭ، އަދި ބީއެމްއެލްއިން އެއްބަސްވުމެއް


  • މި އެއްބަސްވުމުގެ ދަށުން އޭޝިޔާގެ މާކެޓަށް ފަތުރުވެރިކަން އިސްތިހާރުކުރާނެ

  • ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއިފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތްކުރާނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އަލިޕޭ ޕްލަސް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްއިން އަލިޕޭ ޕްލަސްއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ދެމެދު އެކުލަވާލި އެއްބަސްވުމަކީ ރާއްޖޭގައި ފޯރުކޮށްދޭ މާލީ މުޢާމަލާތްތައް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް އިސްތިހާރުކުރުމަށް އެކުލަވާލިވި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ޝަރީފެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. އަލިޕޭގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ ސިޓިޕޮންގް ކިޓިޕްރަޕޮންގްއެވެ.

ބީއެމްއެލްއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެ ބޭންކާއި އަލިޕޭ ޕްލަސްއާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އަންނަ އަހަރުން ފެށިގެން މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

ބީއެމްއެލްއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އޭޝިއާގެ މާކެޓްތަކުގައި އެންމެ މަޤުބޫލު މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތްކުރުމާއި ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމަށް ފަސޭހަކޮށްދިނުމާއި މި މަންޒިލްތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއިފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި އީޖާދީ އަދި ރައްކާތެރިކަމާއެކު މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތެއް ތަޢާރަފުކުރުމަށް ބީއެމްއެލްއިން ވަނީ އަލިޕޭ ޕްލަސްއާ ދެމެދުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކިޔުއާރު ކޯޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްތައް ކުރެވޭ ނިޒާމު ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ ޕްލަސްގެ ފީޗަރތައް ހިމަނާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސްކުރެއެވެ.