ޚަބަރު

"ތުއްތު ކުދިންގެ ދިވެހިބަހުގެ ފެންވަރު މަތިކުރުމަށް މީގެ ކުރިން އެކަށީގެން މަސައްކަތްތަކެއް ކުރެވިފައި ނެތް"


  • ކުޑަކުދިންގެ ދިވެހި ބަހުގެ ހުނަރު ތަރައްޤީކުރުމަށް ގައުމީ ފެންވަރުގެ ޕްރޮގްރާމެއް ވަނީ ފަށާފައި

  • ދިވެހި ބަހުން ލިޔެފައިވާ 15 ފޮތެއްވަނީ ނެރެފައި

ޅައުމުރުފުރާގެ ކުދިންގެ ދިވެހި ބަހުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެން ގޮތެއްގައި މީގެ ކުރިން މަސައްކަތް ކުރެވިފައި ނުވާކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ތުއްތު ކުދިންގެ ދިވެހި ބަހުގެ ހުނަރު ތަރައްޤީކުރުމަށް ފެށި ނެޝަން ވައިޑް އަރލީ ލާރނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ.

ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މުޖްތަމައުގެ އަބަދުވެސް ދެކެވޭ އެއްވާހަކައަކީ ތުއްތު ކުދިންގެ ދިވެހިބަހުން ވާހަކަދެއްކުމުގެ ހުނަރު އަދި ކިޔުމުގެ ނުހަރު ދައްވަމުންދާ ވާހަކަކަމަށެވެ. ހިތާމައަކީ ތުއްތު ކުދިންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމަށް އެކަށީގެންވާ ގޮތެއްގައި އިންވެސްޓުކޮށްފައިވާލެއް މަދުވުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާކެޓުގައި ތުއްތު ކުދިންނަށް ބޭނުންވާ ފޮތާއި ބަލާލުމަށް ޚާއްސަ ފިލްމު ތަކާއި އަދި އަޑު އަހާލަން ރަނގަޅު އޯޑިއޯ ފޮތްތައް ލިބޭން ނެތްކަަމަށެވެ. އެހެންކަމުން ތުއްތު ކުދިންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރެވޭނީ އެކުދިންނަށް ބޭނުންވާ ދިވެހި އުނގަންނައިދިނުމުގެ ވަސީލައްތައް ތަރައްޤީކޮށްގެންކަމަށާއި، ލޭންގުއޭޖް ޑިވްލޮޕްމަންޓުގެ އެކި ފޭސްތަކަށް ބަލާއިރުގައި އެންމެ މުހިންމު އެއް އުމުރުފުރާއަކީ ޕްރައިމަރީ އުމުރުފުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުދިންނަށް ބޭނުންވާ ފޮތް ފަދަތަކެތި މާކެޓުގައި ބޭނުންވާވަރަށް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވިސްނުމުގެ އެންމެ މުހިންމު އަސާސަކީ ކިޔުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެންނެވުން. މިއާދަ ކުދިންގެ ކިބައިގައި އަށަގެންނެވޭނީ އެކުދިން ބަލާ ހިއްވާފަދަ ކިޔާހިއްވާފަދަ އެވާހަކައިން އެ ލިޔުމެއް ކިޔުމުން އެކުދިން އެކަމަށް ޝައުގުވެރިވާފަދަ ކްރިއޭޓިވް ލިޔުންތަކެއް އަޅުގަނޑުމެންނަށް ދިވެހި ބަހުން ނެރެދީގެން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ހުނަރުވެރި ބޭފުޅުން އެބަތިބިކަމަށާއި އެހެންކަމުން ފެށިގެން ދިޔަ މަސައްކަތުގައި އެ ވުޒާރާއި ގުޅިގެން ރަނގަޅު ކޮންޓެންޓު އުފެއްދުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި މި ދާއިރާއަކީ ދިވެހި ކުންފުނިތަކުންވެސް އިންވެސްޓުކުރުން މުހިންމު ދާއިރާއެއްކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

ތައުލީމީ ވުޒާރާގެ ކޯޕަރޭޓިވް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމަކީ ބޯއިންގްގެ އެހީތެރިކަމާއެކު ރޫމްޓުރީޑްއިން، ދިވެހިރާއްޖޭގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން، ދިވެހި ބަހުން ކިޔެވުމާއި ޕްރައިމަރީ ތައުލީމު ހަރުދަނާކުރުމަށްޓަކައި، ދިވެހި ބަހަށް ފައްތާފައިވާ ކުޑަކުދިންގެ ފޮތްތަކެއް ޕްރިންޓްކޮށް، ޑިޖިޓައިޒްކޮށް، އަދި ގައުމީ ފެންވަރުގައި ހުރިހާ ޕްރައިމަރީ ސްކޫލްތަކަށް ވަނީ ބަހާފައެވެ. ދިވެހި ބަހުން ލިޔެފައިވާ 15 ފޮތެއްވަނީ ލޯންޗުކޮށްފައެވެ.