ނިމުނު ހަފުތާގައި ވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިންގާދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގިނަ އަދަދެއްގެ މުހިންމު ބިލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވުމެވެ. (6 ޑިސެންބަރު) ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ފަތުރުވެރިކަމުގެ ކުލި ކައުންސިލްތަކަށް ލިބޭގޮތަށް ގެނައި އިސްލާހާއި ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތްދޭ ގޮތަށް ގެނައި އިޞްލާޙާއި ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
(7 ޑިސެންބަރު) ރައީސުލްޖުމްހޫރިއްޔާ، ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވީވެސް ނިމުނު ހަފުތާގައެވެ. ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައި މުހިންމު ވާހަކަފުޅުތަކެއް އެމަނިކުފާނު ޙިއްސާކުރެއްވިއެވެ.
• ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް އިސްލާހުކުރަން ނިންމެވިކަން އިޢުލާންކުރެއްވި
• ބޭނުންވަނީ ގިނަ ރައްޔިތުންނަށް ގޯއްޗާއި ފުލެޓަށް ކުރިމަތިލެވޭނެ ފުރުޞަތު ދެއްވާނެކަމަށް ރައީސް ވިދާޅުވި
• ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް މިސަރުކާރުން ފްލެޓު ދޭނެކަމަށް ރައީސް ވިދާޅުވި
• މާލެ ސަރަޙައްދުގައި ޕާކިން ބިލްޑިންތަކެއް ތަރައްޤީކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވި
• ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވި
(10 ޑިސެންބަރު) ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅުމަށް ޤާނޫނުލްޢުގޫބާތަށް އިސްލާޙު ގެނައުމަށް ނިންމަވާފައިވާކަންވެސް ހާމަކުރައްވާފައެވެ.
ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (6 ޑިސެންބަރު) އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރަން ޝަރުތު ހަމަވާ 4 ސިޔާސީ ޕާޓީއަކީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދި ޕީއެންސީކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. (8 ޑިސެންބަރު) އަދި ފަޒުލްގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުން ލިޔެކިޔުން ޑިލީޓްކުރި މައްސަލަ ފައިލްކުރަން ނިންމި ޚަބަރު ވެސް ފާހަގަކޮށްލެވެއެވެ.
(8 ޑިސެންބަރު) ހަމައެއާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަޤާމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު އިންތިޚާބުކުރީ ވެސް ނިމުނު ހަފުތާގައެވެ. (9 ޑިސެންބަރު) އަދި ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއިއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަންކުރެއްވީ ނިމުނު އަންގާރަ ދުވަހުއެވެ.
(9 ޑިސެންބަރު) ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވީވެސް ނިމުނު ހަފުތާގައެވެ.
(7 ޑިސެންބަރު) ނިމުނު ހަފުތާގައި އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖޭން ކާމިޔާބުކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. (11 ޑިސެންބަރު) އަދި ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ކްރިސްޓަލް ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދިނީވެސް ނިމުނު ހަފުތާގައެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (8 ޑިސެންބަރު) ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެތަނުގައި ތާރު އެޅުމަށްކުރިއަށްގެންދިޔަ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ ފުރަތަމަ ބައިގައި ތާރު އަޅައި ނިންމާ އެ ސަރަހައްދު ހުޅުވާލީ ނިމުނު ހޯމަ ދުވަހުއެވެ. (10 ޑިސެންބަރު) 48 ގަޑިއިރުގެ ތެރޭ ފައިސާ ދޫކުރަންފެށިތާ އަހަރެއްވެފައިވާއިރު، މިހާތަނަށް މަސްވެރިންނަށް 900 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން ސަރުކާރުން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ.
(10 ޑިސެންބަރު) ހަމައެއާއެކު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަޙްމަދު ޝަކީބު އައްޔަނުކުރައްވާފައިވާއިރު، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަރުވާދެމުންދިޔަ ސްޓެލްކޯގެ މުވައްޒަފު އަޙްމަދު އަޒްމީލް ނިޔާވެފައިވަނީ ވެސް ހަމަ އެ ދުވަހުއެވެ.
(10 ޑިސެންބަރު) މީގެ އިތުރުން 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 2.8 މިލިޔަން ޑޮލަރުގެ އެހީއެއް ޗައިނާ ސަރުކާރުން ރާއްޖެއަށްވެ، އެ އެހީތެރިކަން ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރީވެސް ނިމުނު ހަފުތާގައެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މުހިންމު ޚަބަރުތަކެއް ފެންމަތިވިކަން ފާހަގަކޮށްލެވެއެވެ.