މ. ދިއްގަރުގެ މަސްވެރިކަމުގެ އުފެއްދުންތައް ބްރޭންޑުކޮށް މާކެޓު ކުރުމަށް މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯރސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި ދިއްގަރު މާކެޓިންގ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވްސް ފިޝަރީސް އެންޑް އޮޝަން ރިސޯރސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހިމެވެ. އަދި ދިއްގަރު މާކެޓިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗެއަރޕާރސަން އިސްމާއިލް މާހިދުއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯރސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވީ، މި އެއްބަސްވުމަކީ ދިއްގަރުގައި އުފައްދާ އުފެއްދުންތައް މާކެޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމާއެކު ދިއްގަރުގައި އުފައްދާ އުފެއްދުންތައް މާކެޓު ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މުސްތަޤުބަލުގައި އުންމީދަކީ، އެހެން ކައުންސިލްތަކާއެކުގައިވެސް އެމްއޯޔޫތަކުގައި ސޮއިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.
"ހުރިހާ ރަށްތަކަށްވެސް އެބައޮތް އެއްވަރަކަށް ފުރުސަތު، އަޅުގަނޑުމެން ވަކި ރަށަކަށް ނޯންނާނެ ވަކި ތަފާތު ކުރުމެއް. ހުރިހާ ރަށަކަށްވެސް ފުރުސަތު އޮންނާނެ. އަޅުގަނޑުމެންގެ މަސައްކަތަކީ، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރާއްޖެއާއި ދުނިޔޭގައި މާކެޓުކުރުން" އަޙްމަދު ޝަރީފް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ، ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިއްގަރު ރިހާކުރުގެ ނަމުގައި މާކެޓުގައި އެހެން ރިހާކުރުތައް ވިއްކަމުން ދިޔުން ކަަމަށެވެ. މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކުންދާ ކަމަށާއި، އެހެންނަމަވެސް މި އެއްބަސްވުމާއެކު މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މީގެ ސަބަބުން އޭގެ ގެއްލުންވެސް އަޅުގަނޑުމެންނަށް ވަމުން މި އަންނަނީ. މިއީ، އަޅުގަނޑު ހިތުން ވަރަށް ރަނގަޅު ފެށުމެއް. އަޅުގަނޑުމެންގެ ރިހާކުރުވެސް އެހެނިހެން އުފެއްދުންތައްވެސް ބްރޭންޑު ކުރެވިގެން ދިއްގަރުގެ އުފެއްދުމެއްގެ ގޮތުގައި ބާޒާރަށް ނެރުން" ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވިއެވެ.
ދިއްގަރު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ވިދާޅުވީ، ދިއްގަރުގައި އުފައްދާ އުފެއްދުންތައް މާކެޓުކޮށް ބްރޭންޑު ކުރުމަށް ފްރޮމް މޯލްޑިވްސްގެ އެހީތެރިކަން ލިބިގެން ދިޔުމަކީ، އެންމެ އެދެވޭ ގޮތެއްގައި މާކެޓުކޮށް އިޝްތިހާރު ކުރެވި އިތުރު މާކެޓުތައް ހޯދުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި އިތުރު މާކެޓުތަކެއް ހޯދިއްޖެނަމަ މިއީ މި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ހުޅުވާލެވޭ އާމްދަނީ ހޯދުމުގެ ފަހި ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.