ވިލާތުގެ ޤައުމުތަކުގެ ބޭންކުތަކުގައި ހުރި ރަޝިޔާގެ މުދަލާއި ފައިސާ މުއްދަތެއް ނެތް ގޮތެއްގައި ހިފެހެއްޓުމަށް ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުން ފާސްކޮށްފިއެވެ. އީޔޫއިން މި ފިޔަވަޅު އަޅާފައި މި ވަނީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅުވައި، އެ ޤައުމަށް ދަތިކުރުމުގެ ގޮތުންނެވެ. އަދި، ޔޫކްރެއިނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިޔާގެ މުދަލާއި ފައިސާ ބޭނުން ކުރުމުގެ ނިޔަތުގައެވެ.
2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު އީޔޫން ވަނީ ރަޝިޔާގެ މުދަލާއި ފައިސާ ހިފަހައްޓާފައެވެ. އެ ތަކެތީގެ އަގު 246 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އެ ތަކެތި މުއްދަތެއް ނެތް ގޮތުގައި ހިފެހެއްޓުމަށް އީޔޫން ފާސްކޮށްފައި މި ވަނީ، މޮސްކޯއާ ގާތް ގުޅުންތަކެއް ބާއްވާ ހަންގެރީއާއި ސްލޮވާކިޔާއަށް، އެ ކަމާ ދެކޮޅު ހެދުމުގެ ފުރުޞަތު ހަނިކުރުމުގެ ގޮތުންނެވެ.
ރަޝިޔާގެ މުދަލާއި ފައިސާ މުއްދަތެއް ނެތް ގޮތުގައި ހިފެހެއްޓުމަށް އީޔޫން ނިންމުމާ އެކު، ޔޫކްރެއިނަށް ލޯނެއް ދޫކުރުމަށް ބެލްޖިޔަމަށް އޮތް ހުރަސްތައް ނެތިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ބެލްޖިޔަމުން ކުރިއަށް އޮތް 2026 އަދި 2027ވަނަ އަހަރަށް ޔޫކްރެއިނަށް 165 ބިލިޔަން ޔޫރޯގެ ލޯނެއް ދޫކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ލޯނަށް ފައިސާ ހޯދާނީ ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާއި ފައިސާއިންނެވެ. އީޔޫގެ ނިންމުމަކީ، ޣައިރުޤާނޫނީ ނިންމުމެއްގެ ގޮތުގައި ބަލައި، އެ ކަމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް މޮސްކޯއިން ދަނީ ތައްޔާރުވަމުންނެވެ.