މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު
ހެޔޮކޮށްފިއެވެ.
45ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަން އިޢުލާންކުރައްވާފައެވެ.
މީގެ ކުރިން މަސްވެރިންނަށް 16 ރުފިޔާ ލިބެމުންދިޔައީ ދޮޅު ކިލޯއިން މަތީ މަހަށެވެ. ނަމަވެސް މިހާރު މިފްކޯއިން މަސް ގަންނަ އުސޫލަށް ގެނެވުނު ބަދަލާއެކު، 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށްވެސް ކިލޯއެއް 16 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެއެވެ. މި ބަދަލު ގެނައުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއާއި މިފްކޯއާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
މަސް ގަންނަ އުސޫލަށް ގެނެވުނު ބަދަލާއެކު، އައިސްއެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، 15 ކިލޯއިން މަތީ ކަންނެލި ކިލޯއަކަށް 18 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތައް ގެނައުމުގެ މަޤްސަދަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދާދިނުމަށް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މަސް ގަންނަ އަގަށް ބަދަލު ގެނައުމުގެ އިތުރުން، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުވެސް ވަނީ ހެޔޮކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތަކަށް ތެޔޮ ވިއްކަމުންދާނީ ލީޓަރެއް 13.90 ރުފިޔާއަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް މަސް ކިރާނަމަ، ލީޓަރެއް ވިއްކާނީ 13.72 ރުފިޔާއަށެވެ.
މީގެ އިތުރުން، އާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގުވެސް މިފްކޯއިން ވަނީ ހެޔޮކޮށްފައެވެ. އެގޮތުން އާންމު ފަރާތްތަކަށް މިއަދުން ފެށިގެން މިފްކޯއިން ތެޔޮ ވިއްކާނީ ލީޓަރެއް 14.43 ރުފިޔާއަށެވެ.
މިފްކޯއިން ވިދާޅުވީ، ދަޢުލަތާއި ރައްޔިތުންނަށް އިތުރު ބުރައަކަށް ނުވެ ހިންގުމުގެ ޚަރަދު ކުޑަކޮށްގެން، މަސްވެރިން ބޭނުންވާ އަގު މަހަށް ހޯދައިދީ، ފެންވަރު ރަނގަޅު ޚިދުމަތެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި ބަދަލަކީ މަސްވެރިންނަށް ދޭ ޚިދުމަތްތަކުގެ އަގުހެޔޮކޮށް، ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.