ޚަބަރު

ނިއުރޭޑިއަންޓުގެ ހުށަހެޅުން ދޫކޮަށް ރިޒުވާން ވިކްޓަރީއަށް


  • ރިޒުވާން ވިކްޓަރީއަށް ސޮއިކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހުށަހެޅުން ދޫކޮށްލައި، ކުލަބު އީގަލްސްގެ ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) ވިކްޓަރީ ސްޕޯޓްސް ކުލަބަށް ބަދަލުވެއްޖެއެވެ. އޭނާ ވިކްޓަރީއަށް ސޮއިކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

ރިޒުވާން ވިކްޓަރީއަށް ސޮއިކުރިކަން އެ ކުލަބުން ހާމަކޮށްފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ އީގަލްސްއަށް ކުޅެފައެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރިޒުވާން ކުޅުނުއިރު، ދެވަނަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

ރިޒުވާން ވިކްޓަރީއަށް ބަދަލުވިއިރު، މި ފަހަރުގެ ޓްރާންސްފާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންވެސް ވަނީ ލޯނަކަށް އޭނާގެ ސޮއި ހޯދަން މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެކަމަކު އެއްބަސްވުމަކަށް ނާދެވި އޮއްވައި ވިކްޓަރީން ވަނީ ރިޒުވާނާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

ވިކްޓަރީއާ ގުޅުނު ފޯވާޑް ރިޒުވާނަކީ ޤައުމީ ފުޓްބޯޅަ ޓީމުގެވެސް ކުޅުންތެރިއެކެވެ. އީގަލްސްއިން ލޯނު އުސޫލުން ރިޒުވާން ދޫކޮށްލީ މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ އަކީ އީގަލްސްގައި މި ވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. މީގެ ކުރިން ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ރިޒުވާން ވަނީ އެންމެ ފަހުން ޤައުމީ ފުޓްބޯޅަ ޓީމުން އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅެފައެވެ.

ރިޒުވާންގެ އިތުރުން ވިކްޓަރީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ އާއި ސްލޮވާކިއާގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް މިލޯސް ލެޗްނީގެ ސޮއިވެސް ހޯދާފައެވެ.

ދިވެރި ޕްރިމިއަރ ލީގުގެ ތާވަލުގެ ހަވަނައިގައި ވިކްޓަރީ އޮތީ 10 މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ލީގުގައި ވިކްޓަރީން ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ ވާދަވެރި ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.