ޚަބަރު

ސިޓީތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ކޮންޓެންޓާއި ގުޅޭ ތަމްރީންތަކެއް


  • ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ހުނަރުތައް ދަސްކޮށްދެވޭނެ

  • ތަމްރީންތައް ކުރިއަށް ގެންދާނީ 2 ދުވަހުގެ މުއްދަތަށް

ޕަބްލިކް ސަރވިސް މީޑިޔާއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ކޮންޓެންޓް އުފެއްދުމުގެ ތަމްރީންތަކެއް ފަށައިފިއެވެ.

ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕީއެސްއެމްއާ ގުޅިގެން އެ ވުޒާރާގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ "ސޯޝަލް މީޑިއާ ކޮންޓެންޓް ކްރިއޭޝަން ވަރކްޝޮޕް"އަކީ، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ހުނަރުތައް ދަސްކޮށްދީ، ހުނަރު އިތުރު ކުރުމަށް ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމަށެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީންތަކުގައި ވުޒާރާގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ތަމްރީންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ވުޒާރާއިން ކުރާ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގައި ޕީއެސްއެމްއިން ހިންގައިދޭ ތަމްރީންތަކުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" ކޮންޓެންޓް އުފައްދައި އޭގެ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދެވެންޏާ މި ވުޒާރާގެ މަސައްކަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެ. އަދި ވުޒާރާގެ މަސައްކަތްތައް ޢާންމުންނަށް ފޯރުކޮށްދިނުމުގައި ތިބޭފުޅުންގެ (ވުޒާރާގެ މުވައްޒަފުންގެ) ޙިއްސާ ވަރަށް ބޮޑަށް އިތުރު ކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ވުޒާރާތަކުންނާއި އިދާރާތަކުން ކުރާ މަސައްކަތް ރައްޔިތުންނަށް އެނގުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މަސައްކަތްތައް ހާމަކުރުމަކީ، މުވައްޒަފުންނަށް ހިތްވަރު ލިބި، ޢާންމުންގެ ޚިޔާލުވެސް މަސައްކަތަށް ލިބޭނެ ކަމެއްކަން ޕީއެސްއެމްގެ އެމްޑީ ފާހަގަކުރެއްވިއެވެ.

"އަދިވެސް އެދިވަޑައިގެންފިއްޔާ މިކަހަލަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން. ކުރިއަށް އޮތްތަނުގައި ދައުލަތުގެ އެހެން ވުޒާރާތަކުންވެސް މިކަމަށް އިސްނަގައިގެން އެދެފިއްޔާ ފަންނީ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން." ޝަކީބް ވިދާޅުވިއެވެ.

ސިޓީތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ސޯޝަލް މީޑިޔާ ކޮންޓެންޓް އުފެއްދުމުގެ ސެޝަންތައް ނަންގަވައިދެއްވަނީ، ޕީއެސްއެމް ނިއުސްރޫމާއި ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުންނެވެ.