ބޮޑު ކަންނެލީގެ މަސްވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތްކޮށް، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ ނަތީޖާ ނެރެދެއްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭ ކަމަށެވެ. އަދި މަސްވެރިންނާ ގުޅިގެން މަސައްކަތްކޮށް، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ނަތީޖާ ނެރެދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ފަސޭހަވެގެންދޭ އެއްބާރުލުން ލިބޭތީ. އާޚިރުގައި މީގެ އެންމެ ބޮޑު ނަފާއެއް ލިބޭނީ، މަސްވެރިންނަށް. ހުރިހާ ބޭފުޅުން އެއްކޮށް މަސައްކަތް ކޮށްގެން ކަންކަން ޙާސިލުވާނީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ދިވެހި ސަރުކާރުން މަސްވެރިންނަށް އަޅާލާނެ ކަމަށާއި، މަސްވެރިންގެ މަޞްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބޮޑު ކަންނެލީގެ މަސްވެރިންވެސް މިވަގުތު އެދެމުންދަނީ، ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ކޮށްދިނުމަށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންނެވި ގޮތަށް އެކަންކަން މިސަރުކާރުން ކޮށްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމަށްފަހު، އެއަށްވާ ފައިސާ ދިނުމުގައި ވަރަށް ބޮޑަށް ލަސްވުމެވެ. މިކަން ހައްލު ކުރުމަށް ސަރުކާރުން މަސް ގަތުމަށްޓަކައި މަސް ޕްރޮސެސިން ފެސިލިޓީތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރައްވަމުންނެވެ. ބޮޑު ކަންނެލީގެ މަސްވެރިންގެ އަނެއް ކަންބޮޑުވުމަކީ، ހެޔޮ އަގުގައި ތެޔޮ ނުލިބުމެވެ. މިކަމަށްވެސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ އަމާޒަކީ، އަންނަ މާރިޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅަކުންވެސް ރަށެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސްޓޭޝަންތައް ޤާއިމުކުރުމެވެ.