ޚަބަރު

ބްރޯންޒުން އެޅި ފިޔަވަޅު ނިންމާލާނީ ގޯލްޑުން


  • މިމުބާރާތުގައި ވާދަކޮށް ރާއްޖެއިންވަނީ ފުރަތަމަ ފަހަރަށް ފެތުމުން ލޯ މެޑައްޔެއް ހޯދާފަ

  • ރިޒްވާން ލޯ މެޑަލް ހޯދީ 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ވާދަކޮށް

  • "ޕެރެ އެތުލީޓުން ގިނަކުރަންވީ އަދިވެސް. ކޯޗުމެން ކައިރިއަށް މިކަހަލަ ކުދިން ގެނެސްދީ"

ލޯ މެޑައްޔަކުން އެޅި ފިޔަވަޅާއެކު ރިހި މެޑައްޔަކުން، ރަން މެޑައްޔަކަށް ބަދަލުވާ ދުވަސް އަދި އަންނާނެކަމަށާއި ރާއްޖޭގެ ޕެރަ އެތުލީޓުން މަސައްކަތްކުރާނީ މިހުވަފެން ހަގީގަތަކަށް ހެދުމަށްކަމަށް ގައުމީ ޕެރަ ޓީމުގެ ކޯޗު މުހަންމަދު ސަމީރު ބުނެފިއެވެ.

މިމަހުގެ 7 އިން 12 އަށް ދުބާއީގަ ކުރިއަށް ދިޔަ އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ރިޒްހާންވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ. މިއީ ރާއްޖޭގެ ޕެރަ އެތުލީޓަކު ފެތުމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެ މުބާރާތުން އޭނާ ލޯ މެޑަލް ހާސިލްކުރީ 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއިން 50 މީޓަރު ފްރީ ސްޓައިލް ފެތުމުގައި ވާދަކޮށެވެ.

މުބާރާތް ނިންމާލުމަށްފަހު ރާއްޖޭގެ ގައުމީ ޕެރަ ޓީމު އެނބުރި ގައުމަށް އައިސްފަވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިމުބާރާތާއި ގުޅޭގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުރެ ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓީމުގެ ކޯޗު މުހަންމަދު ސަމީރު ބުނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެކި އެތުލީޓުންނަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވުނީ އެކި ވަރަށް ކަމަށެވެ. އަދި މުބާރާތުގައި ލޯ މެޑަލް ހާސިލްކުރި ރިޒްހާންއަށް ކޯޗާއެކު ފަރިތަކުރެވުނީ އެންމެ ހަފްތާއެއްހާ ދުވަހުކަމަށް އޭނާ ފާހަގަކުރިއެވެ. ކޯޗު ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މޮޅެތި ހުނަރުވެރި ކުދިން އެބަ ތިބިކަމަށާއި އެކުދިން ކޯޗުންނާއި ހަމައަށް ގެނެސްދިނުމަށް އެދޭކަމަށެވެ.

"އެކި ކުދިންނަށް އެކި ދުވަހު އެކި ވަރަށް މަސައްކަތްކުރެވިފަ މިހިރީ. ނަތީޖާ ހޯދި ކުއްޖާއަށް ކޯޗު ކައިރީގަ ހަމަ ވީކެއްވެސް ނުވާނެ މާލެ އައިސްފަ. އެއީ ރާއްޖެތެރޭ ކުއްޖެއްވީމަ އެކޮޅުގަ ޕްރެކްޓިސްކުރަނީ" ކޯޗު ބުންޏެވެ.

ސަމީރު ބުނީ މުބާރާތަށް ފުރިއިރު މިފަދަ ނަތީޖާއެއް ލިބިދާނެކަމަށް އުންމީދުކުރެވިފަ ނެތްކަމަށެވެ. އެހެންނަމަވެސް ތަޖުރިބާއެއްގެ ގޮތުން މިމުބާރާތުގައި ވާދަކުރިއިރު ހީވެސް ނުކުރާ ފަދަ ނަތީޖާއެއް ލިބުމުން ވަރަށް ބޮޑު އުފާވެރިކަމެއް ލިބިއްޖެކަމަށެވެ. މި ނަތީޖާގެ ސަބަބުން ކުރިއަށް ހުރި މުބާރާތްތަކަށް އައު ހިތްވަރެއް ލިބި އުންމީދުތައް އައުވެގެން ހިނގައްޖެކަމަށް އޭނާ ބުނެފަވެއެވެ. އަދި އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ލޯ މެޑަލް، ރިހި މެޑައްޔަކަށް ބަދަލުކޮށް، ރަން މެޑައްޔަކުން ގައުމު ފަޚުރުވެރިކޮށްލުންކަމަށްވެސް އޭނާ ބުންޏެވެ.

"ހިއެއްވެސް ނުކުރަން މިކަހަލަ ނަތީޖާއެއް ލިބޭނެކަމަކަށެއް. އެކަމު ވަރަށް އުފާވި ލިބުނީމަ. ހީނުކުރާކަހަލަ ނަތީޖާއެއް މިލިބުނީ. މިއީ ޕެރެ އެތުލީޓުންގެ ފަރާތުން ރާއްޖެއަށް ފުރަތަމަ ގެނައި މެޑަލް. ބްރޯންޒުން، ސިލްވާއަށް ދާނެ، ގޯލްޑަށް އިރާދަކުރެއްވިއްޔާ ދާނެ" ސަމީރު ބުންޏެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ހުނަރުވެރި ޕެރަ އެތުލީޓުން އެބަ ތިބިކަން ފާހަގަކުރަމުން ކޯޗު ބުނީ އެކުދިން ކޯޗުންނާއި ހަމައަށް ގެނެސްދީ އިތުރަށް ތަމްރީނުކުރުމަށް އެންމެންވެސް މަސައްކަތްކޮށްދިނުމަށް އެދޭކަމަށެވެ. އެކުދިންނަކީވެސް ގައުމު ފަޚުރުވެރިކުރާނެ ކުދިބައެއްކަމަށާއި ވީހާވެސް ގިނަ ފުރުސަތުތަކެއް އެކުދިންނަށް ހޯދައިދިނުމަށް ސަމީރުވަނީ އެދިފައެވެ.

"ބުނެލަން ބޭނުންވަނީ މިކަހަލަ ކުދިން މުޖުތަމައަށް ނެރެގެން ކޯޗު މެންނަށް ދައްކާށޭ. ދެއްކީމަ ކޯޗުމެން ޓްރެއިންކޮށްދޭނަމޭ. މިލެވެލްއަށް ގެންގޮސްދޭނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގަ ނަތީޖާ ނެރެވޭނެ" ގައުމީ ޕެރަ ޓީމުގެ ކޯޗު ބުންޏެވެ.

ސަމީރު ބުނީ އުންމީދަކީ ޕެރަ ޓީމަށް ކުދިން އިތުރުކޮށް ޓީމު ވަރުގަދަކުރުންކަމަށެވެ. އެގޮތުން މިމުބާރާތުން ގައުމު ފަޚުރުވެރިކޮށްލި ރިޒްހާނަކީވެސް މިއަހަރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ މުބާރާތުން ކޯޗަށް ފާހަގަކުރެވުނު ކުއްޖެއްކަމަށާއި މިފަދަ ކޮންމެ ކުއްޖަކަށް ޓީމާއި ގުޅުމުގެ ފުރުސަތު އެބައޮތްކަމަށް އޭނާ ހާމަކުރިއެވެ.

"ކުދިން ގިނަކުރަންވީ އަދިވެސް. ކޯޗުމެން ކައިރިއަށް މިކަހަލަ ކުދިން ގެނެސްދީ" ސަމީރު އެދިފަވެއެވެ.

އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ރާއްޖެއިން 4 އެ ތުލީޓަކު ވާދަކުރިއެވެ. އެއީ ފެތުމުގައި ވާދަކުރި 3 ކުއްޖަކާއި އެތުލެޓިކްސްގައި ވާދަކުރި ކުއްޖެކެވެ. މިމުބާރާތުގައި 35 ޤައުމަކުން 1500 އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފަވާއިރު، މިމުބާރާތް ކުރިއަށް ދިޔައީ 8 ކުޅިވަރެއް ހިމެނޭގޮތަށެވެ.