ޚަބަރު

ޕީއެސްއެމާއި ގުޅިގެން ނޫސްވެރިން ތަމްރީނު ކުރުމުގެ އައު މަޝްރޫޢު


ޕަބްލިކް ސަރވިސް މީޑިއާއާ ގުޅިގެން ނޫސްވެރިން ތަމްރީނު ކުރުމުގެ އައު ބޮޑު މަޝްރޫޢެއް ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ކުރުވާހަކަ ލިޔުމުގެ 29 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދެއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޝަހީބް ވިދާޅުވީ، ރާއްޖޭގެ މީޑިއާތަކުގައި ދިވެހިބަސް ބޮޑަށް ދަށްވެ، ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މިކަންކަން ޙައްލުކުރެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވޭނީ މަދަރުސާގެ މުދައްރިސުންކަން ފާހަގަކުރައްވަމުން ޝަހީބް ވިދާޅުވީ، ސްކޫލް ދައުރުގައި ދަރިވަރުން ދިވެހިބަހަށް އިތުރަށް އަހުލުވެރި ކުރުވަން ޖެހޭކަމަށެވެ. ޝަހީބު ވިދާޅުވީ، މީޑިއާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތައް އަންގައިދިނުމުގެ ގޮތުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ޕަބްލިކް ސަރވިސް މީޑިއާ - ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި ގުޅިވަޑައިގެން ޚާއްޞަ މަސައްކަތު ބައްދަލުވުންތަކެއް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށެވެ.

"ޕީއެސްއެމްއާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަރަށް އަވަހަށް މީޑިއާއަށް ބޭނުންވާ ނޫސްވެރިން ތަމްރީންކުރުމުގެ އާ ބޮޑު މަޝްރޫޢެއް ފެށުމަށް މަސައްކަތް ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ މި މަސައްކަތުގެ ތެރެއިންވެސް އަޅުގަނޑުމެން ދިވެހި ބަހަށް އިސްކަންދިނުމުގައި ނުވަތަ ދިވެހި ބަހުގެ ހަމަތަކާއި އުޞޫލުތަކާބެހޭ ޙާއްޞަ ކޮމްޕޯނަންޓެއް އިރާދަކުރެއްވިއްޔާ ހިމަނާނަން.. އެކަމުގައި ދިވެހި ބަހުގެ އެކަޑަމީގެ އެހީތެރިކަންވެސް ހޯދާނަން." މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.