ޚަބަރު

ޗެލްސީ އާއި ނިއުކާސަލް އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ފަންސާސް ދެ ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ނިއުކާސަލްއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ އެންތޮނީ ގޯޑޮން ފޮނުވާލި ހަމަލައެއް ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް މަތަކުރި ވަގުތު އެ ބޯޅަ ލިބުމުން ނިކް ވޮލްޓެމޭޑް ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 20 ވަނަ މިނިޓުގައި ނިއުކާސަލްއިން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވޮލްޓެމޭޑް އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޗެލްސީ އިން ވަނީ ލަނޑެއް ޖަހާފަ އެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިޔާ ކައިރިން ޗެލްސީ އަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ރީސް ޖޭމްސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ޗެލްސީއިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ.

މި މެޗުން ޗެލްސީ އަށް ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ވަނީ 17 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ނިއުކާސަލް އަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.