ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ އައު ފަސިންޖަރު ޓާމިނަލަށް 36 އެއާލައިނެއްގެ ޚިދުމަތް ބަދަލުކޮށްފިއެވެ. އެންމެ ފަހުން ޚިދުމަތް ބަދަލުކޮށްފައިވަނީ ފްރާންސްގެ ގައުމީ އެއާލައިން, އެއާ ފްރާންސެވެ.
ޓާމިނަލް 1 އިން އެއާ ފްރާންސަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އެއާލައިންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫންއެވެ. މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން އެއާ ފްރާންސަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާ ފްރާންސަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017ގައެވެ.
އެއާ ފްރާންސާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 36 އެއާލައިނަކަށް ޚިދުމަތް ދެމުންނެވެ. މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރާ ހުރިހައި އެއާލައިނެއް އައު ޓާމިނަލަށް ބަދަލުވާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއަރވޭސްވެސް އައު ޓާމިނަލްއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.