މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީ ކުރުމަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ފަށާފައިވަނީ، މިމަހުގެ 9 ވަނަ ދުވަހުއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން، މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މަގު ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިވަގުތު ކުރިއަށް ދަނީ ޔުޓިލިޓީ ވިއުގަތަކާ ގުޅޭ މަސައްކަތްތަކެވެ. މި މަސައްކަތުގެ %70 މަސައްކަތް ނިމިފައިވާއިރު އެމްޑަބްލިއުއެސްސީގެ ނެޓްވަރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓު މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެ ސަރަޙައްދުންވެސް މަގުގެ އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސާނެ ކަމަށެވެ. އެގޮތުން ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށާނެ ކަމަށާއި، އެއާއެކު ހިއްކަންޖެހޭ ބައިގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. އެ ކުންފުނިން އަމާޒު ހިފާފައިވަނީ، އެ ސަރަޙައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލުމަށެވެ.
"ޕާކިން ޒޯންތައް ތަރައްޤީކުރާނެ. ފަސޭހަވާނެ ގޮތަށް ޑިޒައިން ކޮށްގެން މަސައްކަތް ކުރިއަށްދަނީ. ސްޓޯމް ވޯޓަރ ސިސްޓަމްވެސް ޤާއިމްކުރާނެ. ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފަށާނެ. އަދި އެ މަސައްކަތާއެކު ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްދާނެ. ބާޒާރު މަތި ސަރަޙައްދަކީ ކާރުބާރު ބޮޑު ސަރަޙައްދެއް ކަމަށްވުމުން ރައްޔިތުންނަށް އުނދަގޫ ނުވާނެހެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ." އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓު މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވިއެވެ.
ބާޒާރު މަތީގެ މަސައްކަތް ކުރުމަށްޓަކައި މިރޭ 12ގެ ފަހުން ކަރާ މާރުކޭޓު ގޮޅިން ފެށިގެން ސޮނީ ހާރޑްވެއާ ހަމައަށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާ ބަންދު ކުރަންޖެހޭ އިތުރު ސަރަޙައްދުތައްވެސް ބަންދުކުރާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މާލޭގެ މާރުކޭޓު ސަރަޙައްދު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، 2 ކޮޅަށްވެސް ދުއްވޭ ގޮތަށެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެ މަސައްކަތުގައި 140 މީޓަރުގެ ސަރަޙައްދެއް ވަނީ ތަރައްޤީކޮށް ނިންމާފައެވެ. މުޅި މި މަޝްރޫޢުގައި ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައިން ފެށިގެން ނޯތު ހާބަރާ ހަމައަށް 1088 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަގުތައް ތަރައްޤީ ކުރުމަށް މަގުތައް ބަންދުކޮށް، ކުރިއަށްގެންދާ މަސައްކަތްތަކުގައި ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކާއި، އެ ސަރަޙައްދުތައް ބޭނުން ކުރުމުގައި ސަމާލުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އިރުޝާދުދެއެވެ.