ޚަބަރު

އައު ޓަރމިނަލުގެ ސީޕްލޭން ކައުންޓަރުގެ ޚިދުމަތް ފަށަނީ؛ ބަސް ރޫޓުތައް ކަނޑައަޅައިފި


  • އޮޕަރޭޓަރުން އަހުލުވެރިކުރުމުގެ މަސައްކަތް ވަނީ ފަށާފައި

  • އައު ޓަރމިނަލުގައި ސީޕްލޭންތަކަށް ޚާއްސަ 24 ޗެކިން ކައުންޓަރ ހުރޭ

  • އެރައިވަލް ގޭޓުގެ ދެކުނަށް އޮންނަ ޕާކިން ޒޯން ޚާއްސަކޮށްފައިވަނީ ސީ ޕްލޭން އޮޕަރޭޓަރުންނަށް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އެކަކުން ސީޕްލޭންތަކަށް ޚިދުމަތް ފެށުމަށް ބޭނުންވާ ބަސް ރޫޓުތައް ކަނޑައަޅައި ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއިން ވިދާޅުވި އައު ޓަރމިނަލުގެ ސީޕްލޭން ކައުންޓަރުތަކުގެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށާއި. އެ މަސައްކަތުގައި ސީޕްލޭންއަށް ޗެކިންވާ ފަރާތްތައް، ސީޕްލޭން ޓަރމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައް ކަނޑައަޅައި މިހާރު ނިމިފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން ވަނީ ބަސް ރޫޓުތައް ކަނޑައެޅުމާއެކު އެއަރޕޯޓުގެ އައު ޓަރމިނަލުގެ އެރައިވަލް ގޭޓް 4 ދެކުނު ޕާކިން ޒޯން ބޭނުން ކުރާނީ، ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލް ސްޓާފް ބަސްތައް ބެހެއްޓުމަށްކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މިނޫން ފަރާތްތަކުން މި ސަރަހައްދު ބޭނުން ނުކުރުމަށް އެމްއޭސީއެލްއިން ވަނީ އަންގާފައެވެ. އެކުންފުނިން ވިދާޅުވީ މި ނޫން އުޅަނދުތައް އެ ސަރަހައްދަށް ވަދެ ނިކުތުމާއި އެ ސަރަހައްދުގައި ބަހައްޓާފައިވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ޕާކް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މިއާއެކު އެއަރޕޯޓްގެ އެސްޓޭޓް ސެކިއުރިޓީ އޮފިސަރުން ދޭ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެއަރޕޯޓުގެ ސީޕްލޭން ކައުންޓަރުތައް ބޭނުން ކުރުމަށް ތައްޔާރުވަމުންދާއިރު، އެކުންފުނިން ވަނީ މިދިޔަ ހަފްތާގައި، ސީޕްލޭން އޮޕަރޭޓަރުން ކައުންޓަރު ބޭނުން ކުރުމަށް އަހުލުވެރި ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. މި ހަރަކާތުގައި ގައުމީ އެއަރލައިން މޯލްޑިވިއަންއާއި ފްލައިމީގެ އޮޕަރޭޓަރުން މި މަސައްކަތުގައި ބައިވެރިވެފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އެމްއޭސީއެލްއިން ވިދާޅުވީ ދާދި އަވަހަށް އައު ޓަރމިނަލުގެ ސީޕްލޭން ކައުންޓަރުތައް ބޭނުން ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް ޚިދުމަތް ފަށާނެ ސީދާ ތާޜިހެއް ނުދެއެވެ.

ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހު ޚިދުމަތް ދޭން ފަށާފައިވާއިރު، އެ ޓަރމިނަލަށް މިހާރު ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތައް ވަނީ ބަދަލުކޮށްފައެވެ. މި ޓަރމިނަލުގައި ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށް އެކަމަށް ޙާއްސަ 24 ޗެކިން ކައުންޓަރ ވަނީ ޤާއިމް ކުރެވިފައެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ޤައުމު ކަމަށްވާއިރު އައު ޓަރމިނަލުން މި ޚިދުމަތް ފެށިގެން ދިއުމުން އެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކާށް ފަސޭހަ ވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.