ޚަބަރު

ބީއެމްއެލްއާއި އޮލިމްޕިކް ކޮމިޓީން ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުސަތު ދެނީ


  • މިއީ ސްޕޯޓްސް ސްކޮލަރޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރު

  • މިހާތަނަށް 8 އެތުލީޓެއްގެ ޓްރެއިނިންގ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ

ބޭންކް އޮފް މޯލްޑިވްސްގެ މާލީ އެހީތެރިކަމާއެކު ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ 2023 ވަނަ އަހަރު ދޭން ފެށި ސްޕޯޓްސް ސްކޮލަރޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރެވެ.

ބީއެމްއެލްއިން ވިދާޅުވީ މި ސްކޮލަރޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުންކަމަށެވެ. މި ސްކޮލަރޝިޕަށް އެތުލީޓުން ހޮވުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ އެމްއޯސީއިންކަމަށް ވިދާޅުވިއެވެ. އަދި ނޮމިނޭޝަންތައް ހުޅުވާނީ އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކަށްކަމަށް ވިދާޅުވިއެވެ. ބީއެމްއެލްއިން ވިދާޅުވީ ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްޕޯޓްސް ސްކޮލަރޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުގެ ރަމްޒެއްކަމަށެވެ. އަދި މި ސްކޮލަރޝިޕް ދިނުމަށް އެމްއޯސީއާއެކު އެއްބަސްވުމުން، ރާއްޖޭގެ އެންމެ ރަނގަޅު އަދި އުންމީދީ ހުނަރު ކުރިއެރުވުމަށް މި ސްކޮލަރޝިޕް މެދުވެރިކޮށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް." މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް ތިންވަނަ އަހަރަކަށް ބީއެމްއެލްއާއެކު އެއްބަސްވެވޭކަމީ ލިބޭ އުފަލެއްކަމަށެވެ. މި އިދާރާއާއި ބޭންކުން ގުޅިގެން ހިންގާ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްގީކޮށް އާ ފުރުސަތުތައް ހޯދައިދީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް ދޭން ފެށިފަހުން މިހާތަނަށް 8 އެތުލީޓެއްގެ ޓްރެއިނިންގ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަކެއް ކުރަމުން އަންނަ ބެންކެކެވެ. އެގޮތުން ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.