އެފްއޭއެމް ވުމެންސް ލީގު 2025، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން މޮޅަކާ އެކު ނިންމާލައިފިއެވެ.
ނިއު މެޗު ކާމިޔާބު ކުރީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 4-0 ލަނޑުންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނިއު އިން ވަނީ މުޅި މެޗު ޑޮމިނޭޓްކޮއްގެން ކުޅެފައެވެ. މެޗުގެ ޓީސީ އަށް ހަމަލާއެއް އުފެއްދިފަ ނުވާއިރު މާ އެދެވޭ ކުޅުމެއް ވެސް ދެއްކިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ލަނޑުޖެހީ ނިއުގެ ކެޕްޓަން ފަދުވާ ޒާހިރު ނަގައިދިން ޖެހުމެއް އޭރިޔާ ތެރޭގައި ހުރެފަ މަރިޔަމް ނޫރާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ނޫރާ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ 7 ވަނަ މިނިޓުގައެވެ.
ނިއުގެ ދެވަނަ ލަނޑު ސުމާ މުހައްމަދު ކާމިޔާބު ކުރީ 30 ވަނަ މިނިޓުގައިއެވެ. އޭގެ ފަސް މިނިޓު ފަހުން ސުމާ ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލާ ނިއުއަށް ތިންވަނަ ލަނޑު ކާމިޔާބުކޮއްދީފައެވެ.
ނިއުގެ ހަތަރުވަނަ ލަނޑު ނޫރާ ކާމިބަކުރީ މެޗުގެ 52 ވަނަ މިނިޓުގައި އެވެ. މި މެޗާއެކު ނިއު ލީގު ނިންމާލީ 8 ޕޮއިންޓާއެކެވެ.
ނިއު ލީގުގައި ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 2 މެޗުން އެއްވަރުވި އިރު އެއް މެޗުން ވަނީ ބަލިވެފައެވެ.