ޚަބަރު

ޓީސީއަށް ދެން އޮތީ ފައިނަލެއް ކަހަލަ ކާމިޔާބުކުރަން ޖެހޭ މެޗެއް: ކޯޗު އާތިފް


  • މާޒިޔާ އާއި އެއްވަރުވި މެޗަކީ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

  • މިއީ ޓީސީން މިލީގުގައި އެއްވަރުކުރި ތިންވަނަ މެޗު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުރިޔަށް އޮތީ މުހިންމު މެޗެއް ކަމަށާއި، އެއީ ފައިނަލް މެޗެއް ކަހަލަ ކާމިޔާބުކުރަން ޖެހޭ މެޗެއް ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އެ މެޗުގައި ޓީސީ ނިކުންނަން ޖެހޭނީ ޔުނައިޑެޓް ވިކްޓްރީ (ޔޫވީ) އާއި ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެ ހަވީރެވެ.

ލީގުގެ ދެވަނަ ބުރުގައި 18 ޑިސެމްބަރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ޓީސީ އެއްވަރުވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު އާތިފު ބުނީ، އެ މެޗަކީ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި ކުރިޔަށް ހުރި މެޗުތަކުގައިވެސް ޓީސީގެ ކުޅުން ރަނގަޅުވަމުން އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

ލީގުގެ ދެވަނަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރު އިޝާރާތް ކުރަމުން، އާތިފް ބުނީ އެ މެޗުގައި ވަރަށް ގިނަ ކަންތައްތައް ދިމާވި ކަމަށެވެ. އެގޮތުން މާޒިޔާގެ ބައެއް ކުޅުންތެރިންނަށް ނުކުޅެވުން ފަދަ ކަންކަން ފާހަގަކުރިއެވެ.

އަދި މާޒިޔާގެ މިޑްފީލްޑަރަށް ރަތް ކާޑު ދެއްކުމާއި، އެކި ކަހަލަ ހާލަތްތައް މާޒިޔާއަށް އެ މެޗުގައި ދިމާވިކަން ޓީސީގެ ކޯޗު ފާހަގަކުރިއެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް އައިސް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ރަތްކާޑު ދައްކާ އޭނާ ދަނޑުން ފޮވާލިއެވެ.

ޓީމުތަކަށް ކުރިއެރުންތައް އަންނައިރު، ޓީސީގެ ކުރިއަށް ކުރި މެޗުތަކަށް އިޝާރާތް ކުރަމުން އާތިފް ބުނީ ޓީމު ވަރުގަދަވަނީ ހަމައެކަނި ކޯޗާއި ކުޅުންތެރިން ކުރާ މަސައްކަތުން ނޫން ކަމަށެވެ. އޭގެ ބޭރުންވެސް ވަރަށް ގިނަ އެފަޓްތަކެއް ލާންޖެހޭ ކަމަށެވެ.

'ހަމަ އެކަނި ކޯޗަކު ލާފަހުއްޓަަކަސް އަދި ނުވޭ. ބޭރުން ވަރަށް ގިނަ ސަޕޯޓްތަކެއް ލައިގެން ޓީމުތައް ވަރުގަދަ ވަނީ. ރާއްޖޭގެ ލީގުގައި އޮތް 10 ޓީމަށް ބަލާލާއިރުގަ މިދިޔަ ބުރުގައި އޮތް ޓީމުތަކެއް ނޫން މިހާރު މީ. ވަރުގަދަ ބިދޭސީ ކުޅުންތެރިންނާ އެހެން ކުޅުންތެރިން ގެނެސްފި. އަހަރުމެންވެސް މި ބަލަނީ އަހަރުމެންނަށްވެސް އެ ސަޕޯޓުތައް ލިބޭތޯ' އާތިފް ބުންޏެވެ.

އެ މެޗުން ޓީސީއަށް ޕޮއިންޓެއް ކަށަވަރުވީ އިތުރު ވަގުތުގައި އެޓީމުގެ ނައިޖީރިއާ ފޯވާޑް އިބްރާހިމް ޖިމޯ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފަ ނުކުތުމުން އަހުމަދު މާއިޝް ރަޝީދު ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑުންނެވެ. މިއީ ޓީސީން މި ލީގުގައި އެއްވަރުކުރި ތިންވަނަ މެޗެވެ.