ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން ޖުމްލަ 46 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނި 42 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ވިޔަރެއާލް އަށް ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.
ލަލީގާގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް މޮޅުވެފައިވާ ވިޔަރެއާލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ރަފީނިޔާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 39 ވަނަ މިނިޓުގައި ވިޔަރެއާލް އަށް އުނދަގޫ ތަކާއި ކުރިމަތިލާން ޖެހުނީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ރެނާޓޯ ވޭގާ ލަމީން ޔަމާލް އަށް ކުރި ފައުލަކާއި ގުޅިގެން އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 63 ވަނަ މިނިޓުގައި ލަމީން ޔަމާލް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 9 ވަނަ ލަނޑެވެ.
ފިނި މޫސުމާއި އައު އަހަރުގެ ޗުއްޓީ އަށް ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު ލަލީގާގެ ކުޅުން އަލުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ.