ޚަބަރު

މަގުގެ މަސައްކަތް ކުރާތީ، މަސްމާރުކޭޓަށް ވަދެވޭނީ ހަވީރީ ހިނގުމާއި ވީފަރާތުން!


  • މުހައްމަދު އިސްމާޢީލް ދީދީ ގޯޅިން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް ވަނީ ބަންދުކޮށްފައި

  • މި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަައް ވަނީ އެމްއެމްއޭ ސަރަހައްދަށް ބަދަލުކޮށްފައި

މާލޭ އުތުރު ފަރާތުން، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމެންދެން މަސްމާރުކޭޓަށް ވަދެ ނިކުމެ ހެދޭނީ ހަވީރީ ހިނގުމާއި ވީ ފަރާތުން ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭ އުތުރުފަރާތުން ބޮޑުތަކުުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް، މަގު ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެސަރަހައްދުގެ މަގު ހެދުމަށް ކުރަމުންދާ މަސައްކަތަށް ދިމާވެދާނެ ދަތިތަކަށްޓަކައި، ބޮޑުތަކުރުފާނު މަގުން މަސްމާރުކޭޓަށް ވަދެވޭ ދޮރު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މިސަރަހައްދު ތަރައްޤީ ކުރުމަށް މަގު ހެދުމުގެ މަސައްކަތް ނިމެންދެން މަސްމާރުކޭޓަށް ވަދެ ނިކުމެވޭނީ ހަވީރީ ހިނގުމާއި ވީ ފަރާތުން ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުންދާ ސަރަހައްދު ހިމެނޭ، މުހައްމަދު އިސްމާޢީލް ދީދީ ގޯޅިން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް ވަނީ ދުއްވާ އެއްޗެހި ނުދުއްވޭ ގޮތަށް އާންމު ޓްރެފިކަށް ބަންދުކޮށްފައެވެ.

އެމްޕީއެލްއިން ވިދާޅުވީ، މި މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަައް އެމްއެމްއޭ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު މަހަށް ފުރާ ދޯނިތައް އެޅުމަށް އެމްއެމްއޭ ކުރިމަތިން ވަކި ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.

މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް، 250 މީޓަރުގެ ސަރަހައްދެއް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަގުތައް ތަރައްޤީ ކުރުމަށް މަގުތައް ބަންދުކޮށް، ކުރިއަށްގެންދާ މަސައްކަތްތަކުގައި ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކާއި، އެ ސަރަޙައްދުތައް ބޭނުން ކުރުމުގައި ސަމާލުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އިރުޝާދުދެއެވެ.