ރާއްޖޭގެ އަރަމުން އަންނަ އަންހެން ޓީޓީ ކުޅުންތެރިޔާ، އައިޝަތު އަލްސާ ނާފިޒު ޖެނުއަރީ 2026ގައި ބާއްވާ ޑަބްލިއުޓީޓީ ކޮންޓެންޑާގެ ދެ މުބާރާތަކަށް ދޯހާއާއި ބަހްރެއިންއަށް ދާން ތައްޔާރުވެއްޖެއެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ އޭނާ އަމިއްލަ ގޮތުން ހޯދި ފުރުސަތެއް ކަމަށާއި، މިގޮތަށް އެތުލީޓުން ދާ މުބާރާތަކަށް އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓް ލިބޭނެ ކަމަށެވެ. ގައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އިންޓަނޭޝަނަލް އެކްސްޕޯޝަރ މުހިންމު ދައުރެއް އަދާކުރާއިރު އަލްސާ އަކީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގައި ވިދާލާ މޮޅު ކުޅުންތެރިއެކެވެ. އޭނާވަނީ އެންމެފަހުން ބަހްރެންގެ މަނާމާގައި ބޭއްވި އޭޝިއަން ޔޫތް ގޭމްސް 2025ގައި ވާދަކޮށްފައެވެ.
އަދި މިމަހު ސަޢޫދީ ޢަރަބިއްޔާގެ ދައްމާމުގައި 7- 10 ޑިސެމްބަރަށް ކުރިޔަށް ގެންދިޔަ ޑަބްލިއުޓީޓީ ޔޫތް ކޮންޓެންޑާ 2025 ގައި 16 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށްގަދަ 16 އަށް ދަތުރުކޮށްފައެވެ. އަލްސާއާއި އެކު ޑަބްލިއުޓީޓީ ޔޫތް ކޮންޓެންޑާގައި ވާދަކުރި ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީވަނީ ސެމީ ފައިނަލާއި ހަމަށް ދަތުރުކޮށްފައެވެ.
ޕީއެސްއެމް ނިއުސް އާއި މައުލޫމާތު ހިއްސާކުރަމުން އަލްސާ ބުނީ އެސޯސިއޭޝަނާއި ކޯޗުންގެ އެހީތެރިކަމާއެކު ޖެނުއަރީގައި އޮންނަ ޑަބްލިއުޓީޓީ ކޮންޓެންޑާ މުބާރާތްތަަކަށް ތައްޔާރުވަމުން މިއަންނަނީ ރަނގަޅު ކާމިޔާބީއެއްގެ އުންމީދުގައި ކަމަށެވެ. އަދި ބައިނަލްއަގްވާމީ ކުޅުންތެރިންނާ ވާދަކޮށް އަނެއްކާވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދާ އައު ސްޓައިލްތަކާއި ޓެންޓިކްސް ދަސްކުރުމަށް މަަސައްކަތްކުރާނެ ކަމަށެވެ.
އެންމެ ފަހުން ބައިވެރިވި ޑަބްލިއުޓީޓީ ޔޫތް ކޮންޓެންޑާގެ ގަދަ 16 ބުރުން އަލްސާ ބަލިވީ ކަޒަކިސްތާނުގެ އައިނާޒް އަދިލްގެރެޔަވާ އާއި ބައްދަލުކޮށް 2-3 ސެޓުންނެވެ. ފަސް ސެޓު ކުޅެގެން އެ މެޗުގެ ފުރަތަމަ ސެޓު އައިނާޒް ގެންދިޔައީ 08-11 ންނެވެ. އަނެއް ދެ ސެޓު އަލްސާ ގެންދިޔައީ 10-12 އަދި 13-11 އިންނެވެ. އަދި ފަހު ދެ ސެޓު 11-09، 11-02 ން ގެންދިޔައީ ކަޒަކިސްތާނުގެ ކުޅުންތެރިޔާއެވެ.
އެ މުބާރާތް ނިންމާލުމަށްފަހު ރާއްޖެއައިސް އަނެއްކާވެސް އަލްސާ ވަނީ ކުރިޔަށް އޮތް ދެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ފަރިތަކުރުންތައް ބާއްވާފައެވެ.
މިއީ އަރުތަ ޕްރޮގްރާމުގެ ދަށުން އަދި ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަބޮޑުކުރުމުގެ ސަބަބުން އެތުލީޓުންނަށް ފަހިވާ ފުރުސަތެއްކަމަށް ފާހަގަކުރެވޭއިރު އަލްސާ މި މުބާރާތުގައި ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.